ހެކި އެބަހުރި، އަދުހަމް ގާސިމް މަރާލިކަން ސާބިތު ކޮށްދޭނަން: ޕީޖީ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދު، ދައުވާއަށް އިންކާރުކުރި ނަމަވެސް، ހެކި ހުށަހަޅައި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ވަނީ ތަހުގީގީ މަރުހަލާގައި އޭނާގެ ކުށަށް އިއުތިރާފު ވެފައެވެ.
މިމައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.
މި އެއްބަސްވުމުގައި ވާގޮތުން ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވެއްޖެނަމަ އޭނާގެ މައްޗަށް އަންނަ އަދަބު ލުއިވެގެންދާނެއެވެ.
އެގޮތުން މަރުގެ މައްސަލަތަކުގައި އަންނަ 25 އަހަރުގެ ހުކުމް 17 އަހަރާއި ހަމަސްދުވަހަށް ކުޑަވެގެން ދާނެއެވެ. އެހެންނަމަވެސް އާއިލާއިން މަރަށް މަރުހިފަން ބޭނުންވެއްޖެ ހާލަތެއްގައި ހުކުމް އަންނާނީ އެގޮތަށެވެ.
މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި މި އެއްބަސްވުމާ އެއްގޮތަށް އަދުހަމް ވަނީ ކުށަށް އިއުތިރާފު ވެފައެވެ. އަދި އެއީ މަސްތުގެ ހާލަތުގައި ހުރެ ކުރެވުނު ކަމެއްކަމަށް ބުނެ ގާސިމްގެ އާއިލާގެ ކިބައިން އޭނާ ވަނީ މާފަށް އެދިފައެވެ.
އެހެންނަމަވެސް މިމައްސަލާގެ މިއަދުގެ އަޑުއެހުމުގައި އަދުހަމް ދައުވާއަށް އިންކާރުކޮށް ބުނެފައިވަނީ، ކުށަށް އިއުތިރާފުވެވުނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ.
މި ކަމާގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އަދި މިމައްސަލާގައި ޕީޖީ އޮފީހުން ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އަދުހަމް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދެއްވާނެ ކަމަށެވެ.
އަދުހަމް ދައުވާއަށް އިންކާރު ކޮށްފައިވާއިރު، މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ޕީޖީ ޝަމީމް ވަނީ އޭނާއާ ދެކޮޅަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުން ހެދީވެސް އެކަށީގެންވާ ހެކި ހޯދުމަށްފަހު ކަމަށް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ކޯޓުގައި ކަން ހިނގައިދިޔަގޮތަށް އަދުހަމް އެއްބަސްވުމަކީ މިވަގުތު އޭނާއަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އިއުތިރާފުން ރުޖޫއަ ވެއްޖެއާ މާގޯސް ކަމަށާއި އޭރުން ދާނީ ހަމަ 25 އަހަރުގެ ޖަލު ހުކުމަކަށް ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ