"ރައީސް ޔާމީން 2016" ކެމްޕޭނަށް މެނޭޖަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ މަހާސިންތާތަކުގެ 3 ވަނަ ބުރު މިމަހު،ގެ ،17 18 އަދި 19 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ.
ރައީސް ޔާމީން ކެމްޕޭނު އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރު، އިބްރާހީމް މުޢާޛް ޢަލީ މިއަދު ވިދާޅުވީ މަހާސިންތާގެ އިފްތިތާޙީ ބައްދަލުވުން ކުރިއަށް ގެންދާނީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ. އަދި އެއަށްފަހު ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބައްދަލުވުންތައް ކުރިއަށް ގެންގޮސް މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބާއްވާނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.
މުޢާޛް ވިދާޅުވީ މިފަހަރުގެ މަހާސިންތާގައިވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މަހާސިންތާގެ ސެޝަންތަކަށް ވަޑައިގެން ބައިވެރިންނާއި ބައްދަލުކުރައްވައި އެކަމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މުޢާޛް ވިދާޅުވީ މިފަހަރުގެ މަހާސިންތާ ޚާއްޞަކޮށްފައިވަނީ މާލޭ ދާއިރާގެ ގޮފިތަކުގެ ރައީސުންނަށް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުއްވައިލައްވާނެ ކަމަށެވެ.
މުޢާޛް ވިދާޅުވީ 3 ވަނަ މަހާސިންތާ ލަސްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާގައި މަހާރަނި ފާޠިމަތު އިބްރާހީމްގެ ހަށިކޮޅަށް ކުރިމަތިވި މައްސަލަތަކާއި ގުޅިގެން ކަމަށެވެ. "އެކަމަނާގެ ބައިވެރިވެވަޑައިގަތުން ނެތި މިފަދަ ބޮޑު ކަމެއް ކުރިއަށް ގެންދަން ހަމަ އުނަގޫވާތީ ލަސްވެގެން މިއައީ."
މުޢާޛް ވިދާޅުވީ މަހާސިންތާގައި ބައިވެރިވަނީ ޕީޕީއެމްގެ ގޮފިތަކުގެ ރައީސުންކަމަށާއި މަހާސިންތާ އާއި ޕީޕީއެމްއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. ނަމަވެސް މަހާސިންތާގެ ހުރިހައި ކަމެއްވެސް ކުރިއަށް ދާނީ ސީދާ މަހާރަނި މަހާރަނި ފާޠިމަތު އިބްރާހީމްގެ ބެއްލެވުމުގެދަށުން ކަމަށެވެ.
މިފަހަރުގެ މަހާސިންތާގައި 350 މަންދޫބުން ބައިވެރިވާނެ ކަމަށާއި ފަހަރެއްގައި މިއަދަދު އިތުރުވެސް ވެދާނެ ކަމަށް މުޢާޛް ވިދާޅުވިއެވެ.
މުޢާޛް ވިދާޅުވީ މިމަހާސިންތާތަކަކީ 2018 ވަނަ އަަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ވެވަޑައިގަތުމަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނަށް ތާއީދު ހޯދަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ރައީސް ޔާމީން 2018 ކެމްޕޭނަށް މެނޭޖަރުން ތަމްރީނުކުރުމުގެ 3 ވަނަ ބުރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ