ނަޝީދުގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ މާދަމާ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.
ހިސާން ވިދާޅުވީ އެމައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމަށްޓަކައި އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ރައީސް އަބްދުﷲ ޔާމިން މީގެ ކުރިން ވިދާޅުވީ ފަދައިން ނަޝީދަށް ޝަރުއީ ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަޝީދުގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފައިވާއިރު ނަޝީދުގެ މައްސަލައިގެ ލިޔެކިޔުންތައް އެމަނިކުފާނަށް ފޯރުކޮށްދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދަތިތަކެއް ކުރިމަތިކުރަމުންދާ ކަމަަށްވެސް ނަޝީދުގެ ގާނޫނީ ޓީމުން އިއްޔެ ބުނެފައިވެ އެވެ.
ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އިއްވާފައިވާ ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނަޝީދު ނިންމަވާފައިވާއިރު ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް މިހާރު ވަނީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.
ރައީސް ނަޝީދު ކުރިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ބަދަލުގައި ބޭނުމީ ސިޔާސީ ހައްލެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ރައީސް ނަޝީދުގެ މައްސަލާގައި އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ