ތަރައްގީ ޔަގީންކުރެވޭނީ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވައިގެން - ގާސިމް

ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ޔަގީންކޮށްދެވޭނީ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވައިގެން ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުން ވެސް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ތަރައްގީ ގެނައުމަށާއި އަޅުގަނޑުމެންގެ ތެރޭގައި ހުރި މުހުދާތުތައް ފިލުވުމަށާއި ރައްޔިތުން އުފުލި ދަތިހާލާއި ވޭނުން ސަލާމަތްވުމަށް ރައްޔިތުން ބޭނުންވާނެ ކަމަށެވެ.
އެހެންކަމުން މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ޕްރޮގްރެސިވް ކޯލިޝަނަށް ލިބިގެން، މިކަން ކާމިޔާބުވާނެ ކަން ޔަގީންކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޯލިޝަނަށް ކުރިއަށް އޮތް އިންތިހާބުތަކުން މަދުވެގެން 80 ޕަސެންޓް ބޭނުންވާ ކަމަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ބަލިހާލު ޖެހިފައި ތިބި މީހުންނަށާއި އުމުރުން ދުވަސްވީ ބޭފުޅުންނަށާއި އެނޫން ވެސް މުޖުތަމައުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ވެސް ތަރައްގީ ހާސިލުކުރެވޭނީ ސަރުކާރު ހިންގާ ފަރާތަށް ފުރިހަމަ ބާރު ލިބިގެން ކަމަށެވެ.
"އެހެންވީމާ މިއަދު ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް އަޅުގަނޑުމެން އިސްކޮށްދެއްވި ފަދައިން، މާ ތަނަވަސް އަޣުލަބިއްޔަތުން މިއަށް ވުރެ މާ ފުރިހަމަކޮށް މިކަން ކޮށްދެއްވާނެ ކަމީ އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ސަރުކާރު ކޯލިޝަނަށް ކާމިޔާބުކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށާއި އެހެންކަމުން މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކިގެން، މަދު ދުވަސްކޮޅު ތެރޭގައި ހުރިހާ ފަރާތްތަކުން ވެސް އަތުކުރި އޮޅާލައިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ