ގާސިމް އިބްރާހިމުގެ ވާހަކަތަކަށް ތަސްމީން ރައްދުދެއްވައިފި

ޖުމްޙޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ރައީސްކަމަށް ވަޑައިގެންފިނަމަ ދައުލަތުގެ ވިޔަފަރިއާ އި އެބޭފުޅާގެ ވިޔަފާރި ފުށުނާރަ ހިންގަވާނެ ގޮތެއް ގާސިމް ވިދާޅުނުވާކަމަށް ވިދާޅުވެ ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު އަހުމަދު ތަސްމީން އަލީ ގާސިމަށް ރައްދުދެއްވައިފި އެވެ.
މިއަދު ރާވެރިޔާ ރެސްޓޯރަންޓްގައި ގައުމައިގެން ކުރިއަށް ކޯލިޝަނުން ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ގައުމައިގެން ކުރިއަށް ކޯލިޝަނުން ހަދާ ޕޯލުތަކުންނާއި ބާއްވަމުންދާ ޖަލްސާތަކުން އެކޯލިޝަނަށް ކުރިއަށް އޮތް ރިޔާސި އިންތިޙާބު ކާމިޔާބުވާނެކަން ވަރަށް ބޮޑަށް މިހާރު ޔަގީންވެފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރިއަށްވުރެ ތާޢީދު ވަރަށް ބޮޑު. ކެމްޕޭން ވަރަށް ބޮޑަށް ފުޅާކޮއްފިން. އަދި މިހާރު ފެނިވަޑއިގަންނަވާނެ އަޅުގަނޑުމެންނަށް ތާއީދު އިތުރުވަމުންދާ މިންވަރު. އިރާދަ ކުރެއްވިއްޔާ މި އިންތިޙާބު އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ" ތަސްމީން ވިދާޅުވިއެވެ.
މީގެ އިތުރަށްވެސް ތަސްމީން ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަކީ މިރާއްޖޭގައި ހުންނެވި އެންމެ ބޮޑު މަޙުޖަނުކަމަށާ ތިމަންނާއަކީ ނިކަމެތި މީހެއްކަމަށް ގާސިމް ވިދާޅުވާ ސަބަބެއް ނޭންގޭކަމަށެވެ.
"ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަކީ މިރާއްޖޭގައި ހުންނެވި އެންމެ ބޮޑު މަޙުޖަނު. އެބޭފުޅާ ތިމަންނާ އަކީ ނިކަމެއްޗެކޭ ދަންވާއިރު ގާސިމް އިބްރާހިމްއަކީ އެންމެ ފުޅާ ދާއިރާގެއްގައި މިރާއްޖޭގައި ވިޔަފާރިކުރައްވާ އެއްބޭފުޅާ.ރިޔާސީ އިންތިޙާބްކާމިޔާބު ވެއްޖެނަމަ އެބޭފުޅާގެ ވިޔަފާރިއާ ދައުލަތުގެ ވިޔަފާރިތަކާ ފުށުނާރާނެކަމުގެ އެއްވެސް ޔަގީންކަމެއް އަދި އެއްވެސް ގޮތެއް ގާސިމް ވިދާޅުވެފައެއްނުވޭ" ތަސްމީން ވިދާޅުވިއެވެ.
ތަސްމީން ވިދާޅުވީ އެންދެރި މާގޭ އާޢިލާއަށާއި، ކާމިނީގެ އާޢިލާއަށް މިރާއްޖޭގެ ވެރިކަންދޭން ރައްޔިތުން ބޭނުންނުވާކަމަށެވެ. މިފަދައިން ތަސްމީން ވިދާޅުވިއިރު އެންދެރިމާގޭ އާޢިލާއަށް ނިސްބަތްވެލައްވާ އިލްޔާސް އިބްރާޙިމް ހުންނެވީ ގާސިމްގެ ފަހަތްޕުޅުގައެވެ. އަދި ކާމިނީގެ އާޢިލާއަށް ނިސްބަތްވެލައްވާ ބޭފުޅުންތަކުގެ ތެރެއިން އެއްބޭފުޅާކަމަށްވާ އަބްދުﷲ ޔާމީން އަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެވެ.
ރާއްޖޭގެ ރަށް ރަށުން މީހުން ގެނެސްގެން އެތައް ހާސް ބަޔަކާއިއެކު ޖުމްހޫރީ ގުޅުމުން ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ވަހީދުގެ މިހާރު ރަނިން މޭޓް އަހްމަދު ތަސްމީން އަލީއަކީ ވެސް “އަޅުގަނޑު ފަދަ ފަގީރެއް” ކަމަށާއި އޭނާ އަށް ވުރެ ވެސް ތަސްމީން “ފަގީރެއްހެން” ހީވާ ކަމަށެވެ.
ޕިކްނިކް ވަޑައިގަތުމަށް ހާއްސަ ރަށެއް ނޯންނަ ކަމަށާއި ނަމަވެސް ތަސްމީނު ޕިކްނިކް ވަޑައިގެންނެވުމަށް ވ. އަތޮޅުގައި އާރަށް ކިޔާ ރަށެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެރަށަކީ “ގަހުރަމާނުންނާއި ބާނދީންނާއި ހުރިހާ ކަމެއް ފުރިހަމަކުރައްވާފައިވާ” ރަށެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ