މަޖިލީހުން އަންދާޒާކުރި އަދަދަށް މިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރި: ނަޝީދު

މިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް މަޖިލީހުން އަންދާޒާކުރި އަދަދަށް ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުގައި 2020 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ލަފާކޮށްފައިވަނީ 450،000 އާއި، 641،000 އާ ދެމެދު ކަމަށެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މަޖިލީހުން އަންދާޒާކުރި އަދަދުގެ ތެރޭގައި ހިމެނިފައެވެ.
ޓުއަރިޒަމް މިނިސްޓްރީން އާއްމުކުރި 2020 ވަނަ އަހަރު ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 554،800 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި ބޯޑަރު ހުޅުވާލިފަހުނ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 172،366 އަށް އަރާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވެއްޓުނު އަޑިގަނޑުން އަރައިގަތުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސް އަދި ކަމާގުޅުންހުރި އެހެންނިހެން ފަރާތްތަކުން ގުޅިގެން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖެ އިޝްތިހާރުކުމުގެ ގިނަ ހަރަކާތްތަކެއ ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންގޮސްފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ރައްޖެ އިޝްތިހާރުކުރުމުގެ 412 ހަރަކާތެއް ހިންގާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވަނީ ވިދާޅުވެފައެވެ. މީގެ ތެރެއިން 314 ހަރަކާތެއް ކޮވިޑް-19 ގެ ޕެންޑަމިކުގެ ތެރޭގައި ހިންގާފައިވާ ކަމަށާއި، 47 ހަރާކާތެއް މިހާރުވެސް ކުރިއަށްދާކަމަށް ޠައްޔިބު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އިޝްތިހާރުކުރާއިރު ރިސޯޓުތައް އިޝްތިހާރުކުރުމުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގެ ރީތިކަން ދައްކާލުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ޠައްޔިބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ