ވެރިކަންކުރާ ޕާޓީ، ޕީޕީއެމް ތެރޭގައި "ހުޅުރޯވެފައި" ވަނިކޮށް އެ ޕާޓީގެ ފަސް ވަނަ އަހަރީ އާއްމު ޖަލްސާ މި މަހު ބާއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފަސް ވަނަ އަހަރީ އާއްމުު ޖަލްސާ މި މަހު 31 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާގައި ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވުމަށް މައުމޫން ވަނީ ދައުވަތު ދެއްވައިފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ އާއްމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމެވިއިރު، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަ މިހާރު ވަނީ އިތުރަށް ހޫނުވެފަ އެވެ. އަދި ޕީޕީއެމް އެތެރޭގައި އުފެދިފައިވާ ހުރިހާ މައްސަލަތަކެއްގެ އިލްޒާމް ވެސް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ މައުމޫންގެ އިސްތަށިފުޅުގައި އަޅުވައިފަ އެވެ.
ޕީޕީއެމުގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ގިނަ ނިންމެވުންތަކެއް މައުމޫން ނިންމަވަމުން ގެންދަވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެއީ އެކަން ކުރެއްވިގެން ވާނެ ގޮތެއް ނޫން ކަމަށާއި ޕީޕީއެމަކީ މައުމޫންގެ އެކަނި ޕާޓީއެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
މަޝްވަރާކޮށްގެން ހައްލު ހޯދަން މައުމޫން ތައްޔާރަށް ހުންނެވި ކަމަށް ނުބެލެވޭ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވިދާޅުވި އެވެ. އެހެންވެ ކޮންމެވެސް ހައްލެއް ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މައުމޫނަށް ފާޑުވިދާޅުވި ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ޕާޓީގެ މައްސަލަތައް އުފެދެން ފެށީ، ޕާޓީގެ ރަސްމީ މަސައްކަތްތައް އޮފީހުން ބޭރުގައި، ރައީސް އަބްދުﷲ ޔާމީންގެ އަނބިކނަބަލުންގެ ބެއްލެވުމުގެ ދަށުން ކުރައްވަން ފެއްޓެވުމުންނެވެ. އޭރު ހުރިހާ ނިންމުމެއް ވެސް ނިންމާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ޕާޓީގެ އިސްލާހީ އެޖެންޑާއެއް އިއުލާންކުރައްވަން ޖެހިވަޑައިގަތީ މައުމޫން ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ޕީޕީއެމްގެ ކަންކަން ކޮށް، ބޮއްސުންލުމުން ކަމަށެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ޖަލްސާ މައުމޫން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ