ރޭގެ މުޒާހަރާގެ މައްސަލަ އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން ބަލަނީ

ރޭ ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރީ ރަނގަޅަށްތޯ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރުސީއެމުން ބުނީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރޭ މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު އެ ކޮމިޝަނުން ކަންބޮޑުވާކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގަކަށްވާއިރު މި ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭކަމަށެވެ.
އެޗްއާރުސީއެމުން ބުނީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން އެ ކޮމިޝަނުން ބަލަމުންދާކަމަށެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރައިޒް އަޕް އެމްވީ މޫވްމެންޓުން ވަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ގޯނާއާއި ފުރައްސާރައާއި ދެކޮޅަށް އެއްވުމެއް ބާއްވާފައެވެ. ސުލްހަވެރިކޮށް ކުރިއަށްގެންދިޔަ މި އެއްވުން ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާ ކޮށްފައިވާކަމަށްބުނެ ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ކަންބޮޑުވުންތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ ރޭގެ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރިއަށްގެންދަން އަންގާފައިވާކަމަށް ވިދާޅުވެފައެވެ.
ބައެއް ފުލުސް އޮފިސަރުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތަށް، ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުންނާއި، ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ އަމަލުތައް ހުރި ގޮތާއި ގުޅޭގޮތުން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ވަގުތެއްގައި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވަނީ ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާ ޚިލާފަށްތޯ ބަލާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ