ފޮއްދޫން ކަރަންޓް ކެނޑުމުން ރައްޔިތުން ނުކުމެ އޮފީސްތައް ބަންދުކޮށްފި

ނ. ފޮއްދޫ އަށް ކަރަންޓް ދޫކުރާ އިންޖީނު ހަލާކުވުމުގެ ސަބަބުން އެރަށުގެ ރައްޔިތުން ނުކުމެ ސަރުކާރުގެ ހުރިހާ އިދާރާތަކެއް މިއަދު ބަންދު ކޮށްފި އެވެ.
ފޮއްދޫގެ ކައުންސިލްގެ ރައީސް މުހައްމަދު ސާނީ މިއަދު ވިދާޅުވީ އެ ރަށުގައި ކަރަންޓު ދޫކުރަމުންދާ ޔުޓިލިޓީސްގެ އިންޖީނު ހަލާކުވެ ރަށުން ކަރަންޓު ކަނޑައިގެން ދިއުމުން ރައްޔިތުން ނުކުމެ ކައުންސިލް އިދާރާއާއި، ފޮއްދޫ މެޖިސްޓްރޭޓް ކޯޓާއި، ހެލްތު ޕޯސްޓާއި، ރަށު ސްކޫލާއި އިންޖީނުގޭ މިއަދު ބަންދުކޮށްފައިވާ ކަމަށެވެ.
ފޮއްދޫ ރައްޔިތުންގެ އިންޖީނުގޭ ޔުޓިލިޓީސް އާއި ހަވާލުކުރީ ތިން ޖަނަރޭޓަރާއެކު ކަމަށާއި ނަމަވެސް ފަހަރަކު ޖަނަރޭޓަރެއް ހަލާކުވެ އެންމެ ފަހުން ބޭނުންކުރަމުން އައި ޖަނަރޭޓަރު މިއަދު ހަލާކުވުމާއިގުޅިގެން ރަށުން ކަރަންޓު ދިއުމުގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ ސަރުކާރުގެ މުއައްސަސާތައް ބަންދުކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރަށުގެ ކަރަންޓުގެ ހާލަތު ދައްވެ ކަރަންޓު ކެނޑޭތާ ހަ މަސް ދުވަސްވެއްޖެ. އެ މައްސަލަ ދިމާވާއިރަށް ޔުޓިލިޓީގެ ހެޑް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ވިދާޅުވޭ ރަނގަޅު ކޮށްދޭނަމޭ. ތިން އިންޖީނާއެކު އެމީހުންނާއި [ޔުޓިލިޓީއާއި] ހަވާލުކުރީ އިންޖީނުތައް ނުހެދި ދެ އިންޖީނުހަލާކުވެ އެންމެ ފަހުން މިއަދު ތިންވަނަ އިންޖީނު ވެސް ހަލާކުވީ އެއްވެސް އިންޖީނެއް މިހާތަނަށް މަރާމާތުކޮށްފައެއް ނެތް،" ސާނީ ވިދާޅުވި އެވެ.
ނޯދަން ޔުޓިލިޓީސްގެ ހެޑް މައުރޫފް ޒާކިރާ ހަވާލާ ދެއްވާ ކައުންސިލްގެ ރައީސް ވިދާޅުވީ އެ އަތޮޅު މާޅެންދޫގައި ހުރި އިންޖީނު ފޮއްދުއަށް ގެނައުމަށް މީގެ ކުރިން މަސައްކަތް ކުރަނިކޮށް އެރަށުގެ ރައްޔިތުން ނުކުމެ އިންޖީނު ހިފަހައްޓެމުގެ ސަބަބުން ފޮއްދުއަށް އިންޖީނެއް އަދި ނުލިބިގެން އުޅޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ސާނީ ވިދާޅުވީ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބޭތޯ ޔުޓިލިޓީސްާ މަޝްވަރާ ކުރައްވަމުން ގެންދެވިނަމަވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށާއި އެ މައްސަލާގައި މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސާއި މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.
"ރައްޔިތުން ބުނަމުން ގެންދަނީ ކަރަންޓް ނެތް ތަނެއްގައި ކައުންސިލާއި އެހެނިހެން އޮފީސް ހުޅުވުމުގެ ބޭނުމެއް ނެތްކަމަށް. ކަރަންޓު ދޫކޮށްގެން ނޫނީ އޮފީސްތަށް ނުހުޅެވޭނެ ކަމަށްވެސް އެމީހުން އެބަބުނޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ