އީރާނުގައި މިދިޔަ އަހަރު 670 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި: ޑރ. ޝަހީދު

އީރާނުގައި މިދިޔަ އަހަރު 670 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ އަދި ރާއްޖޭގެ ކުރީ ދެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. އަހަމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އީރާނާ ބެހޭ ގޮތުން ޑރ. ޝަހީދު ނެރުއްވި ރިޕޯޓާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވަނީ އީރާނުގައި 2011 ވަނަ އަހަރު 670 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަރުގެ އަދަބު ނުދޭ ކުށެއް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 20 މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ އިސްލާމްދީނާ ދެކޮޅަށް ކޮށްފައިވާ ކުށްތަކަށް ކަން ވެސް އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އީރާނުން ދަނީ އދ.ގެ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާ ހިލާފުވަމުން ކަމަށާއި މީހުން އެބިއުސް ކުރުމުން ފެށިގެން ބައިމަދު މީހުންނާ މެދު ތަފާތު ކުރުން ފަދަ ކަންތަތައް ކުރާ ކަމަށް ވެސް ޑރ. ޝަހީދުގެ ރިޕޯޓްގައިވެ އެވެ.
ބައިމަދު މީހުންނާ މެދު ތަފާތުކުރުމުގެ މިސާލެއްގެ ގޮތުގައި ޝަހީދު ފާހަގަކުރައްވާފައި ވަނީ އެއްޖިއްސުން ގުޅުން ހިންގާ މީހުންނާއި ލޭބަ ޔޫނިއަންތަކާ މެދު ތަފާތު ކުރުމެވެ.
"އީރާނުގައި މަރުގެ އަދަބުދިން މީހުންގެ އަދަދު 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި 200ގައި އޮވެފައި، ފާހަގަކުރެވޭ ވަރުގެ އިތުރުވުމެއް އައިސް، 2011 ވަނަ އަހަރު ނިމުނު އިރު އެ އަދަދު 600 އަށް ވުރެ މައްޗަށް ދިޔަކަން އަޅުގަނޑު މި ރިޕޯޓްކުރަނީ ވަރަށް ބޮޑު ކަންބޮޑުވުމަކާ އެކު،" 47 ގައުމު ހިމެނޭ އދ.ގެ ހިއުމަންރައިޓްސް ކައުންސިލަށް ޑރ. ޝަހީދު އޭނާގެ ފުރަތަމަ ރިޕޯޓް ހުށައަޅުއްވަމުން ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ.
ޑރ. ޝަހީދުގެ ތަފުސީލު ރިޕޯޓްގައި ބަޔާންކުރައްވާފައި ވަނީ ޑިސެމްބަރު 31 އާ ހަމައަށް އީރާނުގައި އާއްމުކޮށް އެނގޭ ގޮތަށް 421 މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށާއި ސިއްރިއްޔާތުގައި 249 މީހުންނަށް މަރުގެ އަދަބުދީފައިވާކަން އީރާނުގެ އެތެރެ އާއި ބޭރުގައި ތިބި ސޯސްތަކުން އޭނާ އަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެއްޖިއްސުން ގުޅުން ހިންގުމުގެ ކުށުގައި މަރުގެ އަދަބު ތަންފީޒުކުރާ މީހުންގެ އަދަދު 2003 ވަނަ އަހަރުން ފެށިގެން އީރާނުގައި އިތުރުވަމުން އައިގޮތް ދައްކައިދޭ ޓޭބަލެއް، ޑރ. ޝަހީދުގެ ރިޕޯޓްގައި ހިމަނުއްވާފައިވެ އެވެ. އެ ޓޭބަލުގައިވާ ގޮތުން 2003 ވަނަ އަހަރު އެކުށުގައި 100 މީހުންނަށް މަރުގެ އަދަބު ދީފައިވާ އިރު އެ އަދަދު ވަރަށް އަވަހަށް އިތުރުވެ، 2010 ވަނަ އަހަރު 550 އަށް އަރާފައިވެ އެވެ.
އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ އަކަށް ޑރ. ޝަހީދު ހަމަޖެއްސުމުން އީރާނުން އޭރު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އެމަގާމުގެ މަސައްކަތް ކުރެއްވުމަށް އީރާނަށް ވަޑައިގަތުމުގެ ހުއްދަ ޑރ. ޝަހީދަށް ނުދެއްވާނެ ކަމަށް އެގައުމުން އޭރު ބުންޏެވެ.
ޑރ. ޝަހީދު އެ މަގާމަށް ހޮވިވަޑައިގަތީ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. އޭނާ އެމަގާމަށް ހަމަޖެއްސުމަށް ފާސްކުރި ގަރާރަށް ރަޝިޔާ އާއި ޗައިނާ ފަދަ ގައުމުތަކުން ދެކޮޅުހެދި އެވެ.
އެއް އަހަރު ދުވަހަށް ހަމަޖެއްސި މަގާމުގެ މުއްދަތު އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ މެމްބަރު ގައުމުތަކުން އިތުރުކޮށްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނޫސްވެރިން ގާތު ޑރ. ޝަހީދު ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ. --- ރޮއިޓާސް..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ