ދިވެހި ޕްރިމިއާ ލީގު: ނިއު ބަލިކުރަން ލިބުނު ފުރުސަތު ގެއްލުނަސް އީގަލްސް އަށް މުހިންމު ޕޮއިންޓެއް ދިވެހި ޕްރިމިއާ ލީގު: ނިއު ބަލިކުރަން ލިބުނު ފުރުސަތު ގެއްލުނަސް އީގަލްސް އަށް މުހިންމު ޕޮއިންޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 0-0 އިން އެއްވަރުވެ، ކްލަބް އީގަލްސް އިން ޕޮއިންޓަކާ އެކު، ލީގު ތާވަލުގެ ފުލުން ކުރިއަށް ޖެހިލައިފި އެވެ.
މި މެޗުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ނިއު އިން އެއްވަރުވުމުން އޮތީ ލީގުގެ ދެ ވަނައިގަ އެެވެ. އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ފަސް މެޗުން ވެސް މޮޅުވެގެން ލިބިފައިވަނީ 15 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ނިއު އާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.
އީގަލްސް އިން މި މެޗަށް ނުކުތްއިރު، ލީގު ތާވަލުގެ ފުލުގައި އޮތް ނަމަވެސް މި މެޗުން މޮޅުވެ، ފަސް މެޗުން ތިން ޕޮއިންޓް ހަމަކޮށް ވަނީ 10 ޓީމު ކުޅޭ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އަށް ވަނައިގައި އޮތް އީގަލްސް އާއި ނުވަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ފަސް މެޗުން ލިބުނީ ތިން ޕޮއިންޓެވެ.
މި ސީޒަނުގައި މިހާތަނަށް އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗު ހިމެނޭ ގޮތަށް ކުޅުނު ހަ މެޗުން ވެސް މޮޅެއް ނުލިބި އޮތްއިރު، ތިން މެޗުން މި ވަނީ އެއްވަރުވެފަ އެެވެ. އެއްވަރުވި ފަހު ދެ މެޗަކީ، އެ ޓީމުގެ ކޯޗުގެ ޒިންމާއާ ކުރިން އެ ކްލަަބަށް ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) ހަވާލުވި ފަހުން ކުޅުނު މެޗުތަކެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ލަނޑު ޖަހައިދޭން އަލީ ފާސިރު (ސެންޓޭ) ޖެހި ހިލޭޖެހުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މުޅި މެޗަށް ބަލާއިރު، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. ނިއު އިން ފަހަތަށް ކުޅުނު ބޯޅައެއް ހޯދައި، ނިއުގެ ކިޕަރު، ޕާކިސްތާންގެ ހަނީފް ސާގިބް ކައިރިން ނައްޓާފައި ހުސްކޮށް އޮތް ގޯލަށް ފޮނުވާލަން އިއްބެ ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ނިއުގެ ޑިފެންޑަރުން އެ ސަލާމަތްކުރި އެވެ. އަދި، ފަހުން ފޭދޫ އިއްބެ ޖެހި ބޯޅައެއް ވެސް ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ނިއު އަށް ލަނޑު ޖަހައިދޭން އަހުމަދު ހުސާމް (ހުސާންކޮ) ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، އެ ޓީމުގެ މުހައްމަދު ސަހާއު (ބޭލް) ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ. އަޝްވާން ކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ގޯލެއް ވަދެފައިނުވެ އެވެ. އީގަލްސް އިން މި ވަނީ ލީގުގެ ރޭހުގައި އޮތް އޮޑި އާއި ނިއުގެ ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ