ފަށްކުރުމެއް-: ޢުޒައިރުގެފާނުގެ ވާހަކަ -

ޢަލީ އިޙްޞާން ފިރާޤް
 
عُزَيْرُ عليه السّلام
عُزَيْرُ عليه السّلام އަކީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޝަޚްޞިއްޔަތެކެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި ޞަރީޙު ޢިބާރާތުން އެކަލޭގެފާނަކީ ނަބީބޭކަލެއްކަން ނުވަތަ ނޫންކަން ބަޔާންކުރައްވައިފައެއްނެތެވެ. އެހެންކަމުން މުއައްރިޚުންގެ މެދުގައި ޢުޒައިރުގެފާނަކީ ނަބީބޭކަލެއްކަން ނުވަތަ ނޫންކަމާމެދު އިޚްތިލާފު އުފެދިފައިވެއެވެ.
عُزَيْرُ عليه السّلام އާމެދު ޟަޢީފު ޙަދީޘެއް ވާރިދުވެގެން އައިސްފައިވެއެވެ. އެ ޙަދީޘްގައި ބަޔާންވެގެންވެއެވެ. އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.
ما أدْرِي تُبَّعٌ أنَبِيًّا كان أم لا، وما أدْرِي عُزَيْرٌ أنَبِيًّا كان أم لا...{ الألباني (ت ١٤٢٠)، ضعيف الجامع ٤٩٩١ • ضعيف • أخرجه أبو داود (٤٦٧٤)}
މާނައީ؛ ތުއްބަޢުއަކީ ނަބިއްޔެއްކަން ނުވަތަ ނޫންކަމެއް ތިމަންކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވައެވެ. ހަމައެހެންމެ ޢުޒައިރުގެފާނަކީ ނަބިއްޔެއްކަން ނުވަތަ ނޫންކަމެއް ތިމަންކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވައެވެ.]
ނަމަވެސް މިއީ ޝަޢީފު ޙަދީޘެކެވެ. އެހެންކަމުން މިޙަދީޘްގެ އަލީގައި ޢުޒައިރުގެފާނަކީ ނަބީބޭކަލެއްކަން ނުވަތަ ނޫންކަން ސާބިތެއް ނުކުރެވޭނެއެވެ. އަދި މިނޫންވެސް ބައެއް ޟަޢީފު ރިވާޔަތްތައް ޢުޒައިރުގެފާނާ ބެހޭ ގޮތުން ބަޔާންކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެބައި ނުލިޔެ ދޫކޮށްލީއެވެ.
އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ބަޔާން ކުރައްވައިފައިވަނީ އެންމެ މަޝްހޫރު ބަހަކީ عُزَيْرُ عليه السّلام އަކީ ބަނީއިސްރާއީލުންގެ މީސްތަކުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލެއްކަމުގައި ބުނެވޭ ރަޢުޔުކަމަށެވެ. އެކަލޭގެފާނު އުޅުއްވީ ދާވުދުގެފާނާއި ސުލައިމާނުގެފާނުގެ ފަހުންނެވެ. ޔަޙްޔާގެފާނާއި ޒަކަރިއްޔާގެފާނުގެ ކުރިންނެވެ.
އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.
ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެއް ގަހެއްގެ ހިޔަލުގައި މަޑުކޮށްލެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ގައިކޮޅުގައި ހިންޏެއް ކަށިޖެހިއެވެ. އެހިނދު އެތަނުން ފޮށިތަންމަތި ނެންގެވުމަށް އެނަބިއްޔާ އެންގެވިއެވެ. އަދި އެތަނުގައިވާ ހުރިހާ ހިނިހޮރުތަކެއްގައި އަލިފާން ރޯކޮށްލުމަށް އެންގެވިއެވެ. އެހިނދު ﷲ ވަޙީ ކުރެއްވިއެވެ. [އެންމެ ހިންޏެއް ކަށިޖެހުމުގެ ސަބަބުން ތިމަން އިލާހުގެ ޙަޟުރަތަށް ތަސްބީޙަ ކިޔާ އެތައް ހިންޏެއް އަންދާލެއްވީ ކީއްވެތޯއެވެ؟] { أبو داود (ت ٢٧٥)، سنن أبي داود ٥٢٦٥ • أخرجه البخاري (٣٣١٩)، ومسلم (٢٢٤١)}
މިދެންނެވި ޙަދީޘްގައިވާ ނަބީބޭކަލަކީ عُزَيْرُ عليه السّلام  ކަމުގައި އިބްނު ޢައްބާސްގެފާނާއި، ޙަސަނުލް ބަޞަރީ ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.
ޢުޒައިރުގެފާނުގެ ވާހަކަ ޤުރްއާނުގައި
ކީރިތި ޤުރްއާނުގައި عُزَيْرُ عليه السّلام  ގެ ނަންފުޅު ބަޔާން ކުރައްވައިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ތައުބާ ސޫރަތުގެ 30 ވަނަ އާޔަތުގައެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّهُ ۚ أَنَّىٰ يُؤْفَكُونَ ‎﴿٣٠﴾‏
މާނައީ: [يهودى ން ބުނޫއެވެ. عُزَير ގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނޫއެވެ. المسيح (عيسى ގެފާނު) އަކީ، اللَّه ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެއުރެންގެ އަނގައިން ބުނެލާ ބަހެކެވެ. އެއުރެން އެ تقليد ކުރަނީ، އެއުރެންގެ ކުރިން كافر ވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ، ކޮންފަދައަކުން ހެއްޔެވެ؟]
މިދެންނެވި އާޔަތުން ޢުޒައިރުގެފާނަކީ ޔަހޫދީންގެ ގާތުގައި ވަރަށް އިޙްތިރާމު ލިބިގެންވާ ޝަޚްޞިއްޔަތެއްކަން ދޭހަވައެވެ. އެ އިޙްތިރާމުގެ ދާއިރާފުޅާކޮށް އެކަންތަކުގައި އެބައިމީހުންވަނީ ހައްދުފަހަނަ އަޅައިގޮސްފައެވެ. ނަޞާރާއިން ޢީސާގެފާނާމެދު ކަންތައްކުރިފަދައިންނެވެ. ދެން މި މަޢޫލޫގައި އުފެދޭ ސުވާލަކީ ޔަހޫދީން، ޢުޒައިރުގެފާނަށް އެހާ މަތީ ދަރަޖައެއް ދީފައިވަނީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ޖަވާބުގައި ޢައްލާމާ މައުދޫދީ އޭނާ ލިޔުއްވި ތަފްހީމުލް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
[ޢުޒައިރުގެފާނު ދިރިއުޅުއްވީ ޢީސާގެފާނުގެ ދުނިޔެއަށްވަޑައިގެންނެވުމުގެ 450 އަހަރެއްހާ ކުރީންނެވެ. ސުލައިމާނުގެފާނު އަވަހާރަވުމަށްފަހު ބާބިލުންގެ އަޅުވެތިކަމުގައި ޔަހޫދީން އުޅެންޖެހުންނެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ އަތުގައިވާ މުޤައްދަސު ފޮތްކަމުގައިވާ ތައުރާތުވެސް އެބަމީހުންގެ އަތުން ބީވެގެންދިޔައެވެ. މިހެންމިކަން ވެފައިވަނިކޮށް އެފޮތް އަލުން ލިޔުއްވައި ޔަހޫދީންނަށް ޙަވާލުކުރެއްވީ ޢުޒައިރުގެފާނެއެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުން އެކަލޭގެފާނަށް އިޙްތިރާމުކުރުމުގައި ޙައްދުފަހަނައަޅައިގޮސް އެކަލޭގެފާނަކީ اللَّه ގެ ދަރިކަލެކޭ ބުންޏެވެ...]
ހަމަ މިފަދަ ޢިބާރާތަކުން ނަމަވެސް ކުދިކުދި ތަފާތާއެކު އަލްޙާފިޡް އިބްނު ކަޘީރުވެސް މި ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ