ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން އެ ބޭންކުން އިއްޔެ ނިންމި ވަގުތު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ގާނޫނީ ވެރިކަމެއް ވައްޓައިލަން ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާ ވެސް ކުރިއަށް ދަނިކޮށް ދާދި ދެންމެއަކު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ، ބީއެމްއެލްއިން އިއްޔެ ނިންމި ނިންމުމަކީ ސަރުކާރުގެ މަޝްވަރާ އާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ކަމަށެވެ.
އަދި، އެ ނިންމުން ނިންމި ވަގުތު ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދިޔަ ކަމަށާއި ހަމަ އެ ވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ “ބޮޓް އެކައުންޓު” ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވަމުންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ބީއެމްއެލްގެ ނިންމުމާ ގުޅުވައި ގައުމުގެ އާންމު މަސްލަހަތު ނަގައިލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ބުނީ ގާނޫނީ ވެރިކަމެއް ގައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް އިއްޔެ ބަޔަކު މަސައްކަތް ކުރި ކަމުގައި ބެލޭނެ ޖާގަ އެބަ އޮތް ކަމަށެވެ.
“މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ،” ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަގާވާތެއް ގެނެސް އިއްޔެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ޖާގަ އޮތް ކަމަށް ފުލުހުން ބުނިއިރު، ބީއެމްއެލްއިން އިއްޔެ ނިންމި ނިންމުމަކީ ސަރުކާރުގެ މަސްލަހަތު އޮންނަ އެ ބޭންކުގެ ބޯޑުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިންމި ނިންމުމެކެވެ. އެ ނިންމުމަށް އަމަލު ކުރާނެކަން ބީއެމްއެލްއިން އިއުލާނު ކުރީ ވެސް އެކަން ނުކުރަން ސަރުކާރަށް އެންގޭނެހައި ވަގުތު ފާއިތުވިފަހުން އިއްޔެ ހެނދުނު އެވެ.
ބީއެމްއެލްގެ ނިންމުން ނިންމީ ޑޮލަރު ގަންނަން ލިބޭ މިންވަރު މަދުވުމުގެ ސަބަބުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިދާނެ ކަމަށް މީގެ އެތައް ދުވަހެއް ކުރިން ތަކުރާރުކޮށް ބުނުމަށްފަހު އެވެ.
އެގޮތުން މިދިޔަ ތިން އަހަރު އެކަނިވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށް މިދިޔަ މެއި 25، ގައި އޮތް އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ ވިދާޅުވެފައިވެ އެވެ.
އަދި، މި އަހަރުގެ މިހައިތަނަށް ބީއެމްއެލްއަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ނަމަވެސް އޭގެ ދެ ގުނަ މިހާރުވެސް ވިއްކާފައިވާ ކަމަށް އިއްޔެގެ ނިންމުމާ ގުޅިގެން އެ ބޭންކުގެ މުވައްޒަފުންނަށް ކާލް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.
ކަން މިހެން ހުރި އިރު، ރައީސް އޮފީހުން އަންގައިގެން، ޕީޕީއެމް ޕީއެންސީ ބޮޓް އެކައުންޓްތަކުން ބީއެމްއެލް އިން ހިންގަން އުޅުނީ ބަޣާވަތެއް ކަމަށް ބުނެ ޓްވީޓް ކޮށް ނެގިއެވެ. ބީއެމްއެލްއިން ކުއްލި ސިހުމެއް ލިބޭހެން ބަޣާވާތަކަށް މަގުފަހިކޮށް، ނިންމުމެއް ނިންމާފައިވާނަމަ، ބީއެމްއެލްގެ ވެރިންނާއި، ބޯޑު މެމްބަރުން ވަގުތުން ހައްޔަރު ކުރަން ޖެހެއެވެ. އެފަދަ ނިންމުމެއް ނުނިއްމައި، ރައްޔިތުން ފާޅު ކުރާ ޚިޔާލަކީ ބަޣާވަތެއް ކަމަށް ބެލުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ދިވެހި ސަރުކާރުން ފުލުހުންގެ މައްޗަށް މިފަދަ ނުފޫޒު ފޯރުވުން މިދިޔަ 5 އަހަރު ތެރޭގައި ހިނގާފައި ނުވިނަމަވެސް، މުއިއްޒުގެ ނުތަނަވަސްކަން ބޮޑުވެ، ބަޔަކު ކަމެއް ނުކުރަނީސްވެސް ވެރިކަން ވެއްޓިދާނެހެން ހީވެގެން އާންމުންނާއި ބޭންކަށް ބިރު ދެއްކުމަށް މިފަދަ ސިޔާސީ ބަޔާންތައް ނެރެ މައްސަލަ ބެލުމަކީ، މުއިއްޒުގެ ސަރުކާރަށް ބޭރުގެ މާލީ އެހީތެރިކަން ލިބުމަށް އިތުރަށް ކުރިމަތިވި ދަތި ކަމަކަށް ވެގެން ދާނެއެވެ.
ބީއެމްއެލްގެ އެއްވެސް ވެރިއެއް، ބޯޑު މެމްބަރެއް ހައްޔަރު ނުކޮށް، އިއްޔެ ރައްޔިތުން ފާޅު ކުރި ޚިޔާލަކީ، ބާޣާވާތެއް ކަމަށް ބަލައި މައްސަލަ ބަލަން ފުލުހުން ނިންމައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ