މުއްސަދިންތަކަކަށް ދައުލަތުން އަންލިމިޓެޑް ބޭސްފަރުވާދޭ!

ރައްޔިތުން ގިންތިކުރާ ވެރިއަކު މުއިއްޒު ނޫނީ ރާއްޖެ ނުދެކެއެވެ. ރައްޔިތެއްގެ ގޮތުން ސަރުކާރުން މީހުން ތަފާތުކުރި ވެރިއަކު މީގެ ކުރިއަކު ރާއްޖޭގައި ވެރިކަމެއް ނުކުރެއެވެ. މުއްސަދިންނާއި ފަގީރުންނަކީ ކުރިއަކުން ސަރުކާރު ދަންނަ އެއްޗެއް ނޫނެވެ. ސަރުކާރުން ދޭ ހިދުމަތެއް ފޯރުކޮށްދޭ ލުޔެއް ވަކިމީހަކުތަފާތު ނުކޮށް ރައްޔިތަކަށް ވިޔަތީ ކޮންމެ މީހަކަށްވެސް ދެނީ ހަމަހަމަ ކޮށެވެ. ހަމަހަމަކޮށް ލިބޭ ފުރުސަތުގެ ތެރެއިން ވަކިވަކި މީހުން ކުރިއަރާ ދިޔުމަކަށް ސަރުކާރުން އޮބިއަޅާ ހުއްޓުވައެއް ނުހަދައެވެ. ރައްޔިތަކަށް ވީތީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ދޭން ކަނޑައެޅިފައި އޮންނަ އެއްޗެއް ނުދިއެއް ނޯވެއެވެ. 
ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަކީ ރައްޔިތުންނަށްޓަކާ ސަރުކާރުން ކޮށްދެމުންއައި އެންމެ ރަނގަޅު ކަންތަކެވެ. އާސަންދައިން ހިދުމަތް ދޭންފެށީއްސުރެ އެއްވެސް ރައްޔިތެއް ތަފާތުނުކޮށް ބޭސްފަރުވާ ކޮށްދިނުމަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިސްކަން ދިނެވެ. ކިތަންމެ ބޮޑު މުއްސަންޖަކަސް ކިތަންމެ ނިކަމެތި ފަގީރަކަސް ދިރިހުރުމުގެ ހައްގު ތަފާތުނުވާކަން ކުރީގެ ވެރިންނަށް އެނގެއެވެ. ރައްޔިތުންނަށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް ނުދެވޭ ސަރުކާރަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަފާ ހޯދާ މުސާރަ ނަގާކަށް ހައްގެއް ނުވާނެއެވެ.
ރާއްޖޭގެ ރަށްތަކާ ފަރުތަކާ ފަޅުތަކާ ބޭނުންކޮށްގެން ރާއްޖޭގެ ގުދުރަތީ މުއްސަދިކަން ވިއްކައިގެން ފައިސާ ހޯދައިގެން ދައުލަތް ހިންގުމުގެ ނަމުގައި އެތައް ހާސް ބަޔަކަށް އަތްގުޅި ނުކާވަރުގެ މުސާރަ ދެވެއެވެ. އެންމެ ބައިމިލިޔަން ހަމަ ނުވާ އާބާދީއަކަށް ބޭސްފަރުވާ ހިލޭ ދިނުމަކީ ނުއުފުލެވޭ ވަރުގެ ބުރައަކަށް މިއަދު ސަރުކާރަށް ވެއްޖެއެވެ. ދައުލަތުގެ ހަރަދުގައި ބޭސްފަރުވާކޮށްދޭ މީހުން ގިންތިކޮށް ޒާތްޒާތުގެ އިންސުއަރެންސް ސްކީމްދީގެން ދައުލަތުން ފައިސާ ހަރަދު ކުރާއިރު އާދައިގެ އާއްމު މިހާއަށް ބޭސްފަރުވާކުރަން ޖެހެނީ ހައްގުވާ މިންވަރު ފިލްޓަރކޮށްގެންނެވެ. 
އާސަންދަ ދިނުން ދަތިކޮށް ފިއްތާލުމަށް އާއްމުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކާ އެޅުވި ހަމަޔަކީ އަޖައިބެއް ފަދަ މޮޅު ހަމައެކެވެ. މުއްސަދިންނަށް އާސަންދައިން ބޭސް ފަރުވާކޮށް ނޫދޭން ނިންމި ވާހަކައެވެ. އަޖައިބެކެވެ. މުއްސަދިމީހާ ބަލިވީމާ ރާއްޖޭންދޭ އާސަންދައަށް ބަލަހައްޓައިގެން ހުންނާނެހެއްޔެވެ. އެމީހުން ބަލިވީމާ އާސިޔާން ގައުމުތަކާއި ޔޫރަޕާއި އެމެރިކާއިން ބޭސް ކުރާނެއެވެ. މަދުފަހަރެއްގައި އާދައިގެ ކުޑަކުޑަކަމަކަށް ނޫނީ އެމީހުން ރާއްޖޭގެ ހޮސްޕިޓަލަކަށް ނުވަންނާެއެވެ. އާސަންދައިން މުއްސަންޖަކަށް ބޭސްކުރަން ޖެހިފައި ހުންނާނީ މަދުފަހަރެއްގައެވެ. އެެހެން ނޫނަސް މުއްސަދިވުމަކީ ރައްޔިތުކަން ގެއްލޭނެ ކަމެއްނޫނެވެ. ދައުލަތުން ރައްޔިތަކަށް ވީތީ ލިބެންޖެހޭ ލުއިފަސޭހައެއް ހަމަހަމަކަމާއެކު ކޮންމެ މީހަކަށްވެސް ލިބެންޖެހޭނެއެވެ. 
މުއްސަދިންނަށް އާސަންދަ ނުދޭވާހަކަ ދައްކާއިރު ވަރަށް ގިނަ މުއްސަދިންނަށް އެހެން ނަންނަމުގައި ދައުލަތުން އަންލިމިޓެޑް ބޭސްފަރުވާ ލިބޭކަން އެނގޭ ހެއްޔެވެ. މަޖިލިސް މެންބަރަކަށްވީތީ ގާސިމް އިބްރާހީމް އާއި ސަންޓްރެވަލް ޝިޔާމާއި ރެޑްވޭވް ސަލީމާއި ކާނަލް ނާޒިމާއި ނަމިރާ ނާޒިމާއި އައިބީ އާއި ހިންވަރު ޖޭ މޯޑާއި އަދުރޭމެންނަށް އެމީހުންގެ އަނބިދަރީންނަށް ދާންދެން އާސިޔާންގެ ގައުމުތަކުން ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކުރެވެއެވެ. އާސަންދަ ނުކީމާ ނިމުނީއެވެ.  
އާސަންދައިން އިސްރާފު ނުކުރުމާއި ކޮރަޕްޝަންގެ ގޮތުގައި ފައިސާ ބޭނުން ކުރެވެން ހުރި ދޮރުތައް ބަންދުކުރެވޭނެ ގޮތްތައް ނުހަދާ އާސަންދަދޭ މީހުން ގިންތިކުރިއަސް ދައުލަތަށް ބުރަކުޑައެއް ނުވާނެއެވެ. ނަމެއްގައި އާސަންދަ ލިބި ހަރަދުތަކެއް ހިނގާ ހަގީގީ ފަރުވާ ރައްޔިތުންނަށް ނުލިބި އާއްމު ސިއްހަތަށް ކުރަންޖެހޭ ހޭދަބޮޑުވެ ނުސިދާކޮށް ދައުލަތަށް އުފުލަންޖެހޭ ބުރަ ވާނީ މާބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ