އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ސަރުކާރުން ފާޑުވިދާޅުވެއްޖެ އެވެ.
ޝަމްއާން ވަހީދު ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ކުރިން، އޭނާ ފްރޭމްކުރުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އަތެއްވާ ކަމަށް ބުނެފައިވާއިރު، އިދިކޮޅު މައި ޕާޓީގެ ލީޑަރޝިޕުން މިވަނީ އެ ވާހަކަތަކަށް ތާއީދުކޮށް، ސަރުކާރުގެ ބޯޑަރު ސެކިއުރިޓީ ސިޔާސަތުތަކާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދާފައެވެ.
ނަމަވެސް، ސަރުކާރާއި ފުލުހުންގެ މުއައްސަސާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ޝަމްއާންގެ މައްޗަށް ހުކުމްއައީ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައެވެ. އަދި ޝަމްއާންގެ ތުހުމަތުތަަށް ރައީސް މުއިއްޒު އާއި މިނިސްޓަރު އިހްސާންވަނީ ދޮގުކުރައްވާފައި އެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަމްއާން މީޑިއާތަކަށް ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށެވެ. އަދި އިއްޔެ ޝަމްއާންގެ މައްޗަށް ބޮޑު ޖަލު ހުކުމެއް އިއްވީ، އެ ވާހަކަތަކުގެ ހަގީގަތް އާންމުންނަށް ހާމަކޮށްދިނުމުން ބަދަލުހިފުމުގެ ގޮތުން ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.
ފައްޔާޒްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ބިދޭސީންގެ ކޯޓާގެ ވަގު ވިޔަފާރި ހުއްޓުވާފައި ވަނިކޮށް، މި ސަރުކާރުން ވެރިކަމަށް އައިސް އެ ނާޖާއިޒު ވިޔަފާރި އަލުން ފަށާފައިވާ ކަމަށެވެ.
އަދި އެކަމަށް މަގުފަހިކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމްއާން ޖަލަށްލީ ސަރުކާރުގެ ކޮރަޕްޝަން ފަޅާއަރުވާލުމުން - ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ