ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލު ހުކުމެއް އިއްވި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން އެ އަމުރު ނެރެނީ، 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިގެންނެވެ.
ތަފްސީލް - 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ ސަބަބުން އުފުލި ދައުވާތަކުގެ މައްސަލާގައި ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ޑޮކިއުމެންޓްރީ ދައުރުކުރުނުކުރުމަށާއި އޭގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
ޝަހުޒާނާއި ލީވާން އެ އަމުރާ ހިލާފުވި ކަމަށް ނިންމަނީ:
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން
'ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުން
މި މައްސަލާގައި މިދިޔަ 12 މެއިގައި ޝަހުޒާނާއި ލީވާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ވަކީލަކު އައްޔަންކުރަން ވެސް އެންމެ ދެ ގަޑިއިރު ދިނުމަށް ފަހު، ހަމަ އެ ދުވަހުން އެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ގޮތުން:
ލީވާން 10 ދުވަހަށް ޖަލަށް ލުމުގެ އިތުރުން 26،800ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި
ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމުގެ އިތުރުން 25،800ރ.އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި
މި ދެ ހުކުމް ވަކިވަކިން ހައި ކޯޓުގައި އިސްތިއުނާފްކުރިއިރު، އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.
ފާހަގަކޮށްލެވޭ - ލީވާން 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ދޫކޮށްލައިފަ އެވެ. ޝަހުޒާންގެ ހުކުމް ތަންފީޒުކޮށް ނިމޭނީ ބުދަ ދުވަހަށް ކަމަށް ވާތީ، އޭނާ އަދި އޮތީ ޖަލު ބަންދުގަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރު ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުން ވަނީ އެ މައްސަލަ ވެސް ބަލައިގެންފަ އެވެ.
އެނގުން މުހިންމު - ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
ލީވާނާއި ޝަހުޒާން ޖަލަށްލި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ