އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނަށްވުރެ ދެން ނެރޭ ފޯނުގެ ސްކްރީން މާ ފުޅާވާނެ: ރިޕޯޓް

އެޕަލް ކުންފުނިން އެންމެ ފުރަތަމަ ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ފަތްޖެހޭ ފޯނަށްވުރެ، އޭގެ ފަހުން ނެރުމަށް ރާވުމުންދާ "އައިފޯން އަލްޓްރާ 2" ގެ ފަތްޖެހޭ ސްކްރީން މާ ފުޅާވާނެ ކަމަށް ޗައިނާގެ މަޝްހޫރު ލީކަރުން ހާމަކޮށްފިއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ބާޒާރަށް ނެރުމަށް ލަފާކުރެވޭ އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނު، "އައިފޯން އަލްޓްރާ" ގެ މަސައްކަތްތައް ފައިނަލް ޕްރޮޑަކްޝަން މަރުހަލާގައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، އޭގެ ފަހުގެ މޮޑެލްގެ ވާހަކަތައް މިހާރު ވަނީ ދެކެވެން ފަށާފައެވެ. ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވޭބޯގައި "ޑިޖިޓަލް ޗެޓް ސްޓޭޝަން" އިން ހާމަކޮށްފައިވާ ގޮތުގައި، އައިފޯން އަލްޓްރާ 2 ގެ ސްކްރީންގެ އެސްޕެކްޓް ރޭޝިއޯއަށް ބަދަލުތަކެއް އައި ނަމަވެސް، ބޭނުންކުރާނީ އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނުގައިވެސް ބޭނުންކުރާ ޑިސްޕްލޭ ޕެނަލްއެވެ. މި އަހަރު ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ ފަތްޖެހޭ ފޯނުގައި ދެ ކެމެރާގެ ސެޓަޕެއް ހިމެނޭނެ ކަމަށް ބެލެވޭއިރު، މިއީ ސެމްސަންގްގެ ގެލެކްސީ ޒެޑް ފޯލްޑް ސީރީޒްއާ ވާދަވެރި ފޯނަކަށް ވާނެއެވެ. https://sun.mv/222183 މީގެ އިތުރުން އެޕަލްއިން އުފެއްދުމަށް ރާވަމުންދާ ވަރަށް ތުނި އަދި ލުއި ފޯނެއް ކަމަށްވާ "އައިފޯން އެއާ 3" ގެ މަސައްކަތްތައް އަދި ޑިވެލޮޕްމަންޓް މަރުހަލާއާ ހަމައަށްވެސް ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީރީޒްގެ ކުރީގެ މޮޑެލް ކަމަށްވާ އައިފޯން އެއާ 2 ބާޒާރަށް ނެރުމަށްފަހު، އޭގެ ވިޔަފާރި ރަނގަޅު ނުވެއްޖެނަމަ އެއާ ސީރީޒްގެ ފޯނުތައް އުފެއްދުން އެޕަލްއިން އެއްކޮށް ހުއްޓާލުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓްތަކުގައިވެއެވެ. އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނުގެ ހިންގް ނުވަތަ ހުޅުފަތަށް ދިމާވި މައްސަލަތަކަށްފަހުވެސް، އޭޕްރީލް މަހު ކުރިއަށްގެންދިޔަ ޓްރަޔަލް ޕްރޮޑަކްޝަން ނިމި، އަންނަ ޖުލައި މަހުގެ ނިޔަލަށް މާސް ޕްރޮޑަކްޝަން ނުވަތަ ގިނަ އަދަދަކަށް ފޯނު އުފެއްދުމުގެ މަސައްކަތް ފެށޭނެއެވެ. ނަމަވެސް މި ހުރިހާ މައުލޫމާތަކީ ރަސްމީކޮށް އެޕަލް ކުންފުނިން ކަށަވަރުކޮށްދީފައިވާ ވާހަކަތަކެއް ނޫން ކަމުން، މިއީ ހަމައެކަނި އަޑުތަކެއްގެ ގޮތުގައި ބެލުމަށް ޓެކްނޮލޮޖީ ޚަބަރުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ