"ސާބިތު މިކޮށްދިނީ، ތަޖުރިބާ ދަތުރެއް ނޫންކަން"

ޒުވާން ޓީމަކާއެކު ޑައިމަންޑް ޖުބިލީ މުބާރާތަށް ބަންގްލަދޭޝްގެ ޓީމުން ރާއްޖެ އައީ ތަޖުރިބާއެއް ހޯދުމުގެ ވިސްނުމުގައި ނޫންކަން، މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ދެއްކި ކުޅުމުން ސާބިތުވާކަމަށް ބަންގްލަދޭޝްގެ ކޯޗު، މަރްފުލް ހައްކު ބުނެފިއެވެ.
މި މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމުކަން ހާމަކުރުމާއެކު، މިއީ ބަންގްލަދޭޝް އިން ތަޖުރިބާ ދަތުރެއްގެ ގޮތުގައި ބަލާ މުބާރާތެއްކަމަށް، އެ ގައުމުގެ ބައެއް މީޑިއާތަކުން ވެސް ސިފަކޮށްފައިވެއެވެ. ޙާއްސަ ގޮތެއްގައި މިއީ ބަންގްލަދޭޝް އިން ޒުވާން ކުޅުންތެރިންނަށް މެޗު އެކްސްޕީރިއަންސް ހޯދައިދޭން ބައިވެރިވާ މުބާރާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދިޔައީ ސިފަކުރަމުންނެވެ.
އެހެންނަމަވެސް މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކޯޗު މަރްފުލް ވަނީ އެއީ ހަގީގަތް ނޫންކަމަށް ބުނެފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް، މެޗުގެ ދެވަނަ ހާފުގެ ބޮޑުބައެއްގައި ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ބަންގްލަދޭޝް ޓީމުގެ ފަރާތުން ފެނުނީ ތަފާތު ރޫޙެއްގައި، މޮޅު ކުޅުމެއް ދެއްކި ތަނެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު މަރްފުލް ވަނީ އެކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން، ޕާކިސްތާން މެޗުގައި ބަންގްލަދޭޝްއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުންކަން ފާހަގަކޮށް ކޯޗު މަރްފުލް ވަނީ، މި މެޗުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުންކަން ފާހަގަކޮށްފައެވެ.
"ކުރިން ވެސް އަހަރެން ބުނިން، އަހަރުމެންގެ ގޯލާއި ޓާގެޓު ވަރަށް ސާފޭ. މިއީ ހަމައެކަނި ބައިވެރިވެލާ، ތަޖުރިބާ ހޯދާލަން އައި މުބާރާތެއް ނޫނޭ. އަހަރުމެން މި މުބާރާތަށް އައީ ފައިނަލުގައި ކުޅެން ކަނޑައަޅައިގެން. މިއަދުގެ މެޗުގައި އެ ފެނުނީ އެތަން. ޕްލޭނާ އެއްގޮތަށް ވަރަށް ރަނގަޅަށް އަހަރުމެން މެޗު ފެށީ. ޖިސްމާނީ ގޮތުން ވަރަށް ވަރުގަދަ ޕާކިސްތާން ކުޅުންތެރިން. ވަރަށް މޮޅަށް ކުޅުނު އެމީހުންވެސް. އެކަމަކު އަހަރުމެން ވެސް ވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިން. މި ޓީމާއެކު ތަނަވަސްކުރެވޭނީ މަދު ފުރުސަތުތަކެއް. އެހެން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ. އެކަން މިއަދު ނުވީ". ކޯޗު މަރުފުލް ބުންޏެވެ.
ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް، ފަހު 30 މިނެޓުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ވެސް ޓީމުގެ ފަރާތުން ތައުރީފު ހައްގު މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށް ކޯޗު މަރްފުލް ބުންޏެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅުންތެރިއަކު މަދުކޮށް ކުޅެވެސް ވަރުގަދަ ކުޅުމެއް ދައްކައި މެޗު އެއްވަރުކޮށް، ޕޮއިންޓަކާއެކު މި މެޗު ނިންމާލިއިރު ބަންގްލަދޭޝްއަށް ކުރިއަށް ދެން އޮތީ މި މަހުގެ ތިންވަނަ ދުވަހުގެރޭ އަފްޣާނިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ