ރައްޔިތުން ތިބީ ހެދުނު ގޯހުން ސަލާމަތް ވާން ތައްޔާރަށް

ރައްޔިތުން ތިބީ ރިޔާސީ އިންތިހާބުގައި ހެދުނު ގޯހުން ސަލާމަތް ވާން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ މާލޭގެ ކެމްޕޭނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އަންނަން ވެގެން ދެއްކި ހުވަފެންތަކާއި، ހެދި ދޮގުތަކާއި، އޮޅުވާލި އޮޅުވާލުންތައް މިއަދު ރައްޔިތުންނަށް ފެނި ހާމަވަމުންދާ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުން ގޯހެއް ހެދިއްޖެކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދޮގާއި އޮޅުވާލަމުން ދަނީ ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ރައްޔިތުން މިއަދު ތިބީ ހެދުނު ގޯހުން ސަލާމަތްވުމަށްޓަކާ މަސައްކަތް ކުރަން ތައްޔާރަށް ކަމަށާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ގިނަ ގޮނޑިތަކެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރު ހަމަ މަގަށް އަޅުވަން މަސައްކަތް ކުރެވެން އޮތް އެންމެ މުހިއްމު ތަނަކީ މަޖިލިސް ކަމަށާއި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އަންނަން ވެގެން ވެސް ހެދީ ދޮގު ކަމަށާއި މިހާރު ވެސް ހަދަމުންދަނީ ދޮގު ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރަށް ފުރުސަތު ދިން ވަރަކަށް އަދިވެސް ހަދާނީ ދޮގު ކަމަށާއި ސަރުކާރުން މިހާރު ކައިރީގައި ތިއްބެވި ބޭފުޅުން ލައްވާ ވެސް ދޮގު ހަދަން ފަށާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ