މިއަދު ސަރުކާރު ބަންދު ނަމަވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ސްކޫލް ބަންދާ ގުޅިގެން ޕާސްޕޯޓް ހަދަން އެދޭ މީހުންގެ އަދަދު އިތުރުވެފައިވާތީ، މިއަދު ސަރުކާރު ބަންދު ނަމަވެސް އެ އިދާރާއިން ދެއްވާ ޕާސްޕޯޓުގެ ޚިދުމަތް ކުރިއަށް ގެންދަވާނެކަމަށެވެ.
ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހޭނީ، އިމުގާ ދިވެހި ޕާސްޕޯޓް ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕާސްޕޯޓަށް އެދި ކޮންމެ ވަގުތަކުވެސް ހުށައެޅޭނެކަމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.
ޕާސްޕޯޓް ހަވާލުކުރުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށެވެ. އެހެންނަމަވެސް މެންދުރު 12:00 އިން 12:45 ޕާސްޕޯޓް ހަވާލުކުރުމަށް ދޫކުރާ ނަންބަރު ދޫކުރުން މެދުކެނޑޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ޕާސްޕޯޓުގެ ޚިދުމަތްތައް އަވަސްކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިޓީތަކާއި އަތޮޅު ކައުންސިލްތަކުން ފަސޭހަކަމާއެކު ޕާސްޕޯޓް ލިބޭނެ އިންތިޒާމް ދަނީ ހަމަޖައްސަވަމުންނެވެ. އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ މަގު ވަނީ މިއަހަރު ފަހިކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ