ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލަނީ

ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްޤީވެ ކުރިއަރަމުން އަންނައިރު ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި، ރާއްޖޭގައި އޮތް ހާލަތް ދެނެގަނެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށެވެ.
އަދި ކޮންމެ ރަށެއްގައިވެސް ދިިރިއުޅޭ މީހުންނަށާއި ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް އެކި ރަށްރަށުގެ ހާލަތާއި އެރަށެއްގައި ކަންތައް ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތް ވުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. 
އެހެންކަމުން މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންގެ ހުރި އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"ގެ ނަމުގައި ސަރުކާރުން ހާއްސަ މަސައްކަތެއް ފައްޓަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ ހެޕިނެސް އިންޑެކްސްގެ ނަމުގައި ޚާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްގެންދަން ސަރުކާރުން ނިންމާފައި ވަނީ. އެއީ ރަށްރަށުގައި މިދެންނެވި ގޮތަށް ހާލަތު އުފާވެރިކަން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ރައްޔިތުން މިންކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް"
އާދަމް ޝަރީފް އުމަރު
ޝަރީފް ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދަން ވިސްނާފައިވަނީ ވަރަށއ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަމަށްޓަކައި ކަމާ ގުޅޭ ފަރާތްތަކުގެ ލަފާގެ ދަށުން އެ މަސައްކަތުގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށާ އަދި އެ މަސައްކަތުގެ ސަބަބުން ރަށްރަށުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 
"ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެވިގެން، ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިފައި އަދި ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ އޮނިގަނޑެއް ނުވަތަ އިންޑެކްސްއެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެގޮތަކަށް ތައްޔާރު ކުރެވޭ ފްރޭމްވޯކެއްގެ ދަށުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތަކަށް އެވޯޑުވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން ކަންތައްތަކެއް ކުރުމަށް."
އާދަމް ޝަރީފް އުމަރު
ޝަރީފް ވިދާޅުވީ ހެޕިނެސް އިންޑެކްސް ކަނޑައރޅުމުގައު ބަލާނެ މިންގަނޑުތައްވެސް ކަނޑައަޅާނީ އާއްމުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން އަންނަ އަހަރުތެރޭ ތަންފީޒުކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ