65 އަހަރުން މަތީ މީހުންގެ އައިޑީ ކާޑު މުއްދަތު ހަމަނުވާގޮތް ހަދަނީ

މިއަދު ބޭއްވި ތަރައްގީއާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ޑީއެންއާރުން ބުނީ 65 އަހަރުން މަތީ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތް ހެދުމުގެ ކަރުދާސް ކެބިނެޓަށް ފޮނުވާފައިވާނެ ކަމަށެވެ.
އުމުރުން 65 އަހަރުން މަތީ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމަށް ކެބިނެޓަށް ހުށަހަޅައިފި އެވެ. 
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ޑިޕާޓްމެންޓު އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއި އިމިގްރޭޝަން ހާޒިރު ކުރީ، އައިޑީކާޑާއި ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހަށް ބަދަލު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅި ގަރާރާއި ގުޅިގެންނެވެ. މިއަދުގެ ކޮމެޓީ ޑީއެންއާރުގެ ފަރާތުން ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު އާ ކުރަން ޖެހުމަކީ ގިނަ ފަހަރަށް އެ މީހުންނަށް އެތައް ތަކުލީފެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެ ޝަކުވާތައް ވެސް އަބަދު ލިބޭ ކަމަށެވެ."[އުމުރުން] 65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައި ވާނީ. ކެބިނެޓުން ފާސްކުރިހާ އަވަަހަކަށް އެ ނިންމުމަށް އަމަލުކުރަން ފެށޭނެ" ސްޓޭޓް މިނިސްޓަރު ޔޫސުފް ވިދާޅުވި އެވެ. އާންމުކޮށް އަމަލުކުރާ އުސޫލަކީ ކުޑަކުއްޖަކު އަލަށް އުފަންވުމަށް ފަހު ހައްދާ އައިޑީ ކާޑު، އެ ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ބޭނުން ކުރުމެވެ. އޭގެ ފަހުން އުމުރުން 40 އަހަރު ފުރެންދެން ކޮންމެ ފަސް އަހަރަކުން އަދި، 40 އަހަރުން މަތިވުމުން 10 އަހަރަކުން އައިޑީކާޑު އާ ކުރުމެވެ. އުމުރުން 65 އަހަރުން މަތީގެ ގިނަ މީހުނަކީ އެމީހުންގެ ބަލި ހާލަތު ހުންނަ ގޮތުން އައިޑީކާޑު ހެއްދުން ފަދަ ކަންކަމުގައި ވެސް ތަންތަނަށް ދިއުން އުނދަގޫ ބައެކެވެ. މިކަން ބަދަލު ކުރުމަށް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން އަޑު އުފުލާފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ