ތާއީދާއި ލޯބި ހޯއްދެވުމަށް ގާސިމް، ޑރ. ވަހީދުގެ އަރިހަށް

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް އެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންދެވީ ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގަ އެވެ. އެ ބައްދަލުވުމުގައި ގާސިމުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އޭނާގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމާއި ސްޕެޝަލް އެޑްވައިޒަރު ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ވަހީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އޭނާ އާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވުމަށް ކަމަށެވެ.
އަދި ރާއްޖޭގެ ސަލާމަތާއި އަމާންކަމަށްޓަކައި ކުރާ ދަތުރުގައި ވަހީދުގެ “ބްލެސިން” އާއި ރުހުމާއި ލޯބި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
“ގައުމުގެ ހާލަތާއި ގައުމާމެދު ކަންތައްތައް ވަމުންދާ ގޮތްތަކާއި ރައީސް ވަހީދުގެ ފައިންޕުޅު ދެކިލަން ކާޓަސީއެއްގެ ގޮތުގައި ޖައްސާލީ. (އެކުގައި މަސައްކަތް ކުރަން) އަޅުގަނޑު އޮފާކޮށް ދަންނަވާފައި މިދަނީ. ދެން އެބޭފުޅާ ޑިސައިޑް ކުރައްވާނެތާދޯ. އަޅުގަނޑުމެންގެ ވިލިންގްނެސް އެބޭފުޅާގެ އަރިހުގައި އޮތްކަމާއި ގައުމަށްޓަކައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ދަންނަވާފައި މިދަނީ،” ގާސިމް ވިދާޅުވި އެވެ.
ގާސިމުގެ ރަނިން މޭޓަކަށް ވަހީދު ހަމަޖައްސަވަން އުޅޭކަމުގެ އަޑުތައް މި ހަފުތާގެ ތެރޭގައި ފެތުރުނެވެ. ނަމަވެސް ޑރ. ވަހީދު ވަނީ ފަހުން އެ ވާހަކަ ދޮގުކުރައްވައިފަ އެވެ. އެކަން ޖުމްހޫރީ ޕާޓީން ދޮގުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ