ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ރައްޔިތުންނަށް ސިއްރުން އެއްވެސްކަމެއް ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ މިކަން މިކުރަނީ ރައްޔިތުންގެ ހައްގުގައި، އިސްލާހީ ބަދަލު ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަނުދިނުމަށް ކަމަށެވެ.
"ތިބޭފުޅުން އަޅުގަނޑާއި ވެރިކަން ހަވާލުކޮށްފިއްޔާ މިފަދަ ނޭއްގާނީ އެއްވެސް ކަމެއް ނުހިނގާނެ. އިއްޔެއަކު ވެސް މިއަދަކު ވެސް ވެރިކަން ދޭން، އަޅުގަނޑަށްވުރެ ވަކި ހައްގު އެހެންމީހަކު ނެތް." ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވަނީ ޗާގޯސްގެ މައްސަލައަށް ވެސް އަލިއަޅުވައިލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތްކަމަށް ރާއްޖެއިން އެއްބަސްވެ، ބަންޑާރަނައިބު މެދުވެރިކުރައްވައި، ރައީސް ސާލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރާކަން ތަކުރާރުކޮށް ފަހަގަކުރައްވާފައެވެ.
ހަމަމިއާއެކު ރާއްޖޭގައި ގާއިމްވެ ތިބޭ ބޭރު ގައުމުތަކުގެ ސިފައިންގެ މައުލޫމާތު ވެސް ރައްޔިތުންނަށް އެނގެންޖެހޭވަރަށް ނޭނގޭކަން ފާހަގަކުރައްވައި ވިދާޅުވީ އެމަނިފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ސިއްރުން އެއްވެސްކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ތަކުރާރުކޮށް ހިލާފުވާއިރު، ދެވަނަ ދައުރެއް ރައީސް ސާލިހަށް ދޭން ނުޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޖޭޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ސިއްރުން އެއްވެސްކަމެއް ނުކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ