ތިޔަ ގޭގައި ހަވީރު ސަޔަށް ގުލްހާ ބޭނުންކުރަންތަ؟

"ދިވެހީން އާންމުކޮށް ހަވީރު ސަޔަށް ބޭނުން ކުރަނީ ގުލްހާ އެވެ." ނޫނެކެވެ. އަޅުގަނޑުގެ ގޭގައި ދުވަހަކު ވެސް ހަވީރު ސަޔަށް ގުލްހާ ކިޔާ އެއްޗެއް ބޭނުމެއް ނުކުރެއެވެ. ބައެއް ރައްޓެހިން ގާތުގައި އަހައިލީމާ ވެސް ގުލްހާ ބޭނުންކުރާ މީހަކާ ދިމައެއް ނުވިއެވެ. މުޅި ރާއްޖޭގެ އެންމެން ގާތުގައި އެހިޔަސް، ގުލްހާ ކިޔާ އެއްޗެއް ބޭނުންކުރާ މީހަކާ ދިމާވެދާނެ ބާވައޭ ހިތަށް އަރައެވެ. ދިމާވެދާނެކަމަކަށް ހަމަ ހިތެއް ނުބުނެއެވެ. އަޅެ ތިޔަ ގޭގައި ހަވީރު ސަޔަށް ގުލްހާ ބޭނުން ކުރަން ހެއްޔެވެ؟ ނިމި ދިޔަ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ތެރެއިން އިވުނު އަޑެކެވެ. އިސްކޫލު ދަރިވަރެއްގެ ފަރާތުން އިވުނު އަޑެކެވެ. ޣިޔާސުއްދީން އިސްކޫލުގެ ދަރިވަރަކު ގައުމީ މުބާރާތުގައި ވާހަކަދައްކަން ލިބުނު މައުޟޫޢަށް އިންސާފުކުރަމުން ދިޔަ އިރު ދެއްކި ވާހަކައެކެވެ. އެ ކުދީންނަށް ސޯޝަލް ސްޓަޑީސް ކިޔަވައިދެއްވަން ވަޑައިގަން އަވަށްޓެރި ގައުމެއްގެ ބޭރު މުދައްރިސަކު ކިޔަވައިދެއްވި ފިލާވަޅުގައި އޮތް ވާހަކައެއް ކަމަށް އެ ކުއްޖާ ތަފުސީލު ވެސް ކޮށްދިނެވެ. އާއެނކެވެ. އެ ފޮތުގައި އިނގިރޭސިބަހުން އޮންނަ އިބާރާތް ދިވެއްސަށް ތަރުޖަމާކޮށްލީމާ އަންނަނީ އަންނަނިވި ފަދަ ތަރުޖަމާއެކެވެ. "ދިވެހީން އާންމުކޮށް ހަވީރު ސަޔަށް ބޭނުންކުރަނީ ގުލްހާއެވެ." ކިލާހުގައި ތިބި އެއްވެސް ދަރިވަރަކަށް ގުލްހާއެއް ނޭނގުނެވެ. އެކަމަކު ކިހައި ބޮޑު އަޖައިބެއް ހެއްޔެވެ؟ ދިވެހީން އެންމެ ގިނައިން ހަވީރު ސަޔަށް ގުލްހާ ބޭނުންކުރާކަމަށް މުދައްރިސު އެބަ މައުލޫމާތު ދެއްވައެވެ. އެކަމަކު ކިލާހުގެ އެއްވެސް ކުއްޖެއްގެ ގޭގައި ގުލްހާއެއް ނުހުރެއެވެ. ފިލާވަޅުގައި ދެއްކި ވާހަކަ ނޭނގުނީމާ އޭގެ ތަފުސީލު ހޯދާ އިތުރަށް ދެނެގަންނަން ބޭނުންވާ ދަރިވަރުން އެކުދީންގެ މަންމަގާތުގައި އަހައިގެން ވެސް އެއީ ކޮން އެއްޗެއް ތޯ ބަލާނެތާއެވެ. ގެއަށް ގޮސް މަންމަ ގާތުގައި އަހައި އޮޅުންފިލުވީމާ މި ދޭހަވީ މުޅިން ތަފާތު މާނައެކެވެ. އިވުނީ މުޅިން ތަފާތު އަޑެކެވެ. ނަސީބަކުން، މަންމައަކީ ދިވެހި އިބާރާތްތައް ލެޓިނުން ލިޔެ އުޅޭ ގޮތް ދަންނަ މަންމައެކެވެ. އެހެންކަމުން ދިވެހިބަސް ލެޓިނުން ލިޔާއިރު "ޅ" މި އަކުރަށް ލެޓިނުގައި ބޭނުންކުރާނީ “lh” ކަން ދަނެއެވެ. އެހެންކަމުން ދަރިފުޅު އެ ބުނާ ގުލްހާ (gulha) އަކީ ކޮން އެއްޗެއްކަން ދެނެގަނެވުނު އިރު މިވީ ހަމަ ޙަޤީޤަތުގައި ވެސް ދިވެހީން އާންމުކޮށް ހަވީރު ސަޔަށް ބޭނުންކުރާ އެއްޗަކަށެވެ. އާދޭހެވެ. ތިޔަ ހީވީ ހަމަ ރަނގަޅަށެވެ. އެއީ "ގުޅަ" އެވެ. އެ ދަރިވަރު ކިޔައިދިން މި ހާދިސާއަކީ ޙަޤީޤަތެއްކަމުގައި ވިޔަސް އަދި ޙަޤީޤަތެއް ނޫންކަމުގައި ވިޔަސް، މިއީ ހީ ސަމާސާ ކޮށްލައިފައި ދޫކޮށްލަން ވީ މައްސަލައެއް ނޫނެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. މިއީ ގައުމީ ކަންބޮޑުވުމެކެވެ. މި ހާދިސާ އަޑުއިވުނު ދުވަހު އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރުތައް ވަރަށް ގިނައެވެ. އެތައް ސުވާލެއް އުފެދި އޭގެ ޖަވާބާމެދު އުފެދުނު ޖަޒުބާތުތައް އޮހިގެން ދިޔައެވެ. ލޮލުގެ ކަރުނައާއެކުއެވެ. އާއެނކެވެ. ދިވެހީންގެ ގައުމިއްޔަތާއި އޭގެ ރުކުންތަކާއި ދިވެހީންގެ ތާރީޚާއި ދިވެހީންގެ ސަގާފަތާއި ދިވެހީންގެ އާދަކާދައާއި ދިވެހި ވެށީގެ ހުރިހައި ބައިތަކެއް، ދިވެހި އިސްކޫލުތަކުގައި ކިޔަވައި މިދެނީ އަވަށްޓެރި ކޮންމެވެސް ގައުމަކުން އަންނަ "މުއްލިކުމާރު" އެކެވެ. ނުވަތަ "މަނޯހަރަން ސުވާމީ" އެކެވެ. އެ މީހަކު ކިޔަވައިދެނީ އިނގިރޭސި ބަހުން ލިޔެފައި އޮންނަ ޓެކްސްޓު ފޮތަކުން ބަލައިގެން އޭގައި އޮންނަ އެއްޗެކެވެ. އޭނާއަކީ ދިވެހިރާއްޖެއަށް އަލަށް އައި މީހަކަށް ވެސް ވެދާނެއެވެ. ދިވެހި ސަގާފަތާ ބީރައްޓެހި މީހަކަށް ވެސް ވެދާނެއެވެ. ދެން ކަންތައްތައް ހިނގާނީ އެ ދަރިވަރު އެ ކިޔައިދިން ހާދިސާގައި ކަން ހިނގިގޮތަށެވެ. އެއަށްވުރެ އެކަން ބޮޑުވެސް ވެދާނެއެވެ. ވެދާނެއެއް ނޫނެވެ. ވާނެކަން ކަށަވަރެވެ. އޮޅުވައި ނުލެއްވުން އެދެމެވެ. މި ދެންނެވި މައުލޫމާތުތައް ހިމެނޭ މާއްދާތައް ކިޔަވައިދެއްވަނީ ހަމައެކަނި ބޭރު ބިދޭސީންނެއް ނޫނެވެ. ދިވެހި ދަރީން ވެސް ކިޔަވައިދެއެވެ. އެހެނަސް ކިޔަވައިދެނީ އިނގިރޭސިބަހުން ލިޔެފައި އޮންނަ "ސޯޝަލް ސްޓަޑީޒް" ފޮތާއި "ފިޝަރީޒް ސައިންސް" ފޮތުންނެވެ. ބޭރު ބިދޭސީން މި ދެންނެވި މާއްދާތައް ކިޔަވައިދެއްވީމާ ކަން ހިނގާފާނެ ގޮތް އެ ދަރިވަރު ހިއްސާކުރީއެވެ. އިނގިރޭސިބަހުން ލިޔެފައި ހުރި، ސޯޝަލް ސްޓަޑީޒް ފޮތާއި ފިޝަރީޒް ސައިންސް ފޮތާއި އަދި ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ފޮތް ލިޔެވިފައި ނެތް، ދިވެހީންގެ ތާރީޚާއި ދިވެހީންގެ އާދަކާދައާއި ދިވެހި ވެށީގެ ހުރިހައި ބައިތަކެއް ކުދިކުދި ފިލާވަޅުތަކެއްގެ ގޮތުގައި އިނގިރޭސިބަހުން ކިޔަވައިދެއްވީމާ ގައުމިއްޔަތު ދިރޭނެ ބާވައެވެ؟ ބޮޑު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ގޮތް އިނގިރޭސިބަހުން ކިޔައިދިނީމާ، ދިވެހި ދަރިއެއްގެ ހިތަށް ވަންނާނީ ކޮން ގައުމީ ލޯތްބެއްތޯއެވެ؟ ލެޓިނުން "ބޮޑު ތަކުރުފާނު" އާއި "ކަޅުއޮށްފުންމި" ލިޔެފައި އޮންނައިރު ބޭރު ބިދޭސީއަކަށް އެ ނަން ރަނގަޅަށް ކިޔާން އެނގޭނެބާވައެވެ؟ އަލިރަސްގެފާނު ޝަހީދުވެވަޑައިގަތް ކަމަށް ދިވެހިބަހުން ބުނީމާ ދިވެހިދަރީންނަށް ވިސްނޭ ގޮތާއި މި އިބާރާތް އިނގިރޭސި ބަހުން ކިޔައިދިނީމާ ދިވެހިދަރީންނަށް ވިސްނޭ ގޮތް ތަފާތުވާނެކަމަށް އަޅުގަނޑުގެ ބުއްދި ގަބޫލުކުރެއެވެ. ދިވެހި މަސައްކަތްތަކުގެ ނަންތަކާއި އެ މަސައްކަތްތަކަށް ބޭނުންކުރާ އާލާތްތަކުގެ ނަންތައް އިނގިރޭސިން ކިޔައިދޭނީ ކިހިނަކުން ތޯއެވެ؟ ކިޔައިދިނަސް އެ ތަކެތި ދިވެހި ދަރީން ސިފަކުރާނީ ކިހިނަކުން ތޯއެވެ؟ ދިވެހި ރަށްތަކުގެ ވަލުތެރޭގައި ހެދިފޯދޭ ގަސްގަހާގެހީގެ ނަންތަކާއި ދިވެހި ގޮނޑުދޮށާއި ވިލާއި ތޮށްޓާއި އުރަފަށާއި އެތެރެވަރިއާއި ގިރިތަކާއި ހާތަކާއި ފަރުތަކާއި ކަނޑުއޮޅިތަކާއި އެ ތަންތަނުގައި އުޅޭ މަސްމަހާމެހީގެ ނަންތައް އިނގިރޭސިން ކިޔަވައިދިނީމާ ދަސްވާނީ ކޮން ދިވެހިވެށްޓެއް ތޯއެވެ؟ މިހާރުވެސް ލަސްވެއްޖެއެވެ. މާ ބޮޑަށް ވެސް ލަސްވެއްޖެއެވެ. ދިވެހި ގައުމިއްޔަތާއި ދިވެހިވަންތަކަމާއި ދިވެހިވެށި ދިވެހި ދަރީންގެ ހިތްތަކުން ފިލައި ނުދަނީސް ދިވެހި ދަރީންނަށް ދިވެހިބަހާއި "ދިވެހި" ކުރިއަށް ލައިފައި އަންނަ ހުރިހައި އެއްޗެއް ޙަޤީޤީ މާނައިގައި ދިވެހިކުރަމާތޯއެވެ؟ އެންމެން ގުޅިގެން މިކަމަށް އިސްނަގަމާތޯއެވެ؟ ގެއްލެމުން މިދާ "ދިވެހިއްޔަތު" އުފަންވާނީ އޭރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ