ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޑިޕާޓުމެންޓަށް ފަންނީ މުވައްޒަފުން ހޯދަނީ

މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއާގެ ދަށުން ހިންގާ މެންޓަލް ހެލްތު ޑިޕާޓުމެންޓަށް ސޯޝަލް ސާވިސް ވޯކަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އަމިއްލައަށް މަރުވުމުގެ ކޭސްތައް އިތުރުވެ، ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫގެ އަޑުގަދަވެފައިވަނިކޮށް، އެ މިނިސްޓްރީން ވަނީ ސީނިއާ ސޯޝަލް ސާވިސް ވޯކަރުންގެ މަގާމަށް 9 މީހަކު ހޯދަން އިއުލާނުކޮށްފަ އެވެ.
ތަފްސީލް - ހުޅުމާލޭގައި ހުންނަ އެ ޑިޕާޓުމެންޓަށް ހޯދާ މުވައްޒަފުންގެ މުސާރައަކީ މަގާމުގެ އެލަވެންސާ އެކު 17،982ރ. އެވެ. މީގެ އިތުރުން، ހާޒިރީ އެލަވެންސާއި އިތުރު ގަޑީގެ އިނާޔަތް ވެސް ލިބޭނެ އެވެ.
މި މަގާމުގެ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން
ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން
ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިގެން ނުވަތަ ރައްކާތެރިކަމަށްޓަކައި ހުށަހެޅޭ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ އެސެސްމަންޓް ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުން
ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރުން
ބަލިމީހުންނަށް ދިމާވާ ކުއްލި ހަލާތްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުން
ނަފްސާނީ ދުޅަހެޔޮކަން ހޯދައިދިނުމަށް އެޑްވޮކޭޓް ކުރުން
ސަރުކާރުގެ އެހެން މުއައްސަސާތަކާއި އަމިއްލަ ޖަމާއަތްތަކާ ގުޅިގެން ނަފްސާނީ ސިއްހަތު ކުރިއަރުވާ ހޭލުންތެރިކުރުމަށް މަސައްކަތްކުރުން
މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 30ގެ ކުރިން މަގާމަށް ކުރިމަތިލާން އެދޭ ފޯމު ފުރިހަމަކޮށް، ތައުލީމީ ސެޓްފިކެޓުތަކާ އެކު ހުށަހަޅަން ޖެހެ އެވެ.
ހެލްތު މިނިސްޓްރީން ވަނީ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓަށް ލީޑް ސޯޝަލް ސާވިސް ވޯކަރެއް ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މެންޓަލް ހެލްތު ޑިޕާޓުމެންޓަށް ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާއިރު، އެ މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި، މުޖުތަމައުގައި މި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ވަނީ ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ނަމަ، މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ނަންބަރު 1677އަށް ގުޅުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ