ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްކަން ގިނަ ދުވަސްތަކެއް ވާންދެން ކުރެއްވި މައުމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މައިމޫނާ ރިޓަޔާ ކުރައްވަން މި ނިންމެވީ، ސިއްހީ ދާއިރާގައި 35 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
އަހަރުތަކެއް ވާންދެން ހިދުމަތް ކުރެއްވި ނަމަވެސް، މައިމޫނާ ގިނަ ބަޔަކު ދަންނަން ފެށީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެޗްޕީއޭގެ ވެރިޔާގެ ހައިސިއްޔަތުން އޭނާ ކުރެއްވި މަސައްކަތުންނެވެ.
ތަފްސީލް - މީގެ ހަ އަހަރު ކުރިން، އެންމެ ރާއްޖެއިން ފުރަތަމަ ކޮވިޑް ބަލި ފެނުމާ އެކު، އެންމެ ބޮޑެތި ޒިންމާތައް ބޯމަތިކުރެވުނީ މައިމޫނާއާ އެވެ. ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑު ދަންވަންދެން މަސައްކަތުގައި އުޅުއްވަމުން، ތަޖުރިބާކާރުންގެ ލަފައާ އެކު، އެ ވަގުތަކަށް އެންމެ މުހިއްމު ގިނަ ފިޔަވަޅުތަކެއް އޭނާ ނެންގެވި އެވެ.
މާލެއިން ފުރަތަމަ ކޮވިޑް ފެނުމާ އެކު، މާލޭގައި ކާފިއު އިއުލާން ކުރުމާއި ގިނަ ހިދުމަތްތަކެއް މެދުކަނޑާލެއްވި އެވެ. ރަށްރަށަށް ބަލި ދިޔުން ކޮންޓްރޯލް ކުރުމަށް ވެސް ގިނަ އަދި ހަރުކަށި ފިޔަވަޅުތަކަކަށް އަމުރުކުރެއްވި އެވެ.
މި ފިޔަވަޅުތަކާ ހެދި މައިމޫނާއަށް ގިނަ ބައެއްގެ ނުރުހުން ވެސް އަމާޒުވި އެވެ. އޭނާގެ ގެ ކައިރިއަށް އެއްވެ މުޒާހަރާ ކުރި އެވެ. ސޯޝަލް މީޑިއާގައި އެކި މީމްތައް ހަދައި ޖޯކް ވެސް ޖެހި އެވެ. އެކަމަކު އެ އަޑުތަކާއި މަންޒަރުތަކަށް ވުރެ މައިމޫނާ އިސްކުރެއްވީ އެ ހާލަތުގައި އަދި މިހާރުގެ ވެސް ހާލަތުގައި ވެސް، އޭނާ އޮތް ޒިންމާ އެވެ. މުޅި އާންމު ސިއްހަތުގެ ރައްކާތެރިކަމާ ގުޅޭ ފިޔަވަޅުތަކެވެ.
ގުޅުން ހުރި - ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މައިމޫނާގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާއްމު ސިއްހަތުގެ ކަންކަން ދިގު މުއްދަތަކަށް އަދި ވަރަށް ފުރިހަމައަށް މައިމޫނާ ބެލެހެއްޓެވި އެވެ. އަދި ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު އޭނާ ކުރެއްވި ހިދުމަތްތައް ނަޝީދު ފާހަގަ ކުރެއްވި އެވެ.
އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، 'ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް' އިން ދިން، 2020 ވަނަ އަހަރުގެ އަހަރުގެ އަންހެނާގެ އެވޯޑު ވެސް މައިމޫނާ ވަނީ ހާސިލްކުރައްވާފަ އެވެ.
ކޮވިޑު ބަލިމަޑުކަމުގެ ތެެރެއިން ނަމޫނާ ދެއްކެވި މައިމޫނާ ހިދުމަތާ ދުުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ