ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިމުގެ %80 ހިއްކާ ނިންމައިފި

ތ. ވިލުފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. 
މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ 81 ހެކްޓަރުގެ ބިމެވެ. އެގޮތުން މިހާރު ވަނީ 61 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. 
ވިލުފުށީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ.
 މި މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމަން، މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމްއޭސީއެލްއާ ވަނީ ހަވާލުކުރައްވާފައެވެ. 
މި މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. 
ވިލުފުށީގެ އެއަރޕޯޓު މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ ނޮވެންބަރު މަހު 14 ވަނަ ދުވަހުއެވެ. މިމަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ