ކާބޯތަކެތީގެ ރައްކާތެރިކަމަށް ރިޒާވެއް ޤާއިމުކުރަން ގޮވާލައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތައް ގުޅިގެން ރިޒަރވެއް ޤާއިމުކުރަން ރަޝިޔާއިން ބްރިކްސްގެ ޤައުމުތަކަށް ގޮވާލައިފިއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، އީރާނުން ވަނީ ރައްދުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާގެ ތިން ބައި ކުޅަ އެއްބައި އުފުލަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ.
ދުނިޔޭގައި އެންމެ ގިނައިން ގޮދަން އުފައްދާ ރަޝިޔާއިން ވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ހިރާސްތަކުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.
ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީގެ ނައިބު އެލެކްޒާންޑަރ މެސްލެނިކޯވް ވިދާޅުވީ، މި އަހަރުގެ ހޫނު މޫސުމާ ހަމައަށް ގަސްކާނާގެ ސަޕްލައިގެ ތާށިކަން ޙައްލުނުވެއްޖެނަމަ، ދުނިޔޭގެ ކާބޯތަކެތި އުފެއްދުމުގެ ޤާބިލުކަން ގާތްގަނޑަކަށް ދެ ބައި ކުޅަ އެއްބައި ދަށްވާނެ ކަމަށެވެ.
އެހެންކަމުން، އެކަމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެކަމަށް ދުރާލައި ތައްޔާރުވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، 11 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ބްރިކްސް އިއްތިޙާދަށް އޭނާ ވަނީ ކާބޯތަކެތީގެ ރިޒަރވެއް ޤާއިމުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވައިފައެވެ.
ރަޝިޔާ ވެސް ހިމެނޭ، ބްރިކްސް އިއްތިޙާދުގައި އިންޑިއާ އާއި ޗައިނާގެ އިތުރުން އީރާނު ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ