ހުޅުމާލޭ ސްކޫލެއްގައި ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން ނިކުމެގެން ދިޔަ މައްސަލައެއް ފެންމަތިވެ، އެކުއްޖާއަށް ގޭޓުން ބޭރަށްދާން ފުރުސަތު ލިބުނު ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ހުޅުމާލޭ ސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު ސްކޫލު ގަޑީގައި، މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދުވެފައި ސްކޫލު ނެއިބާހުޑުގެ ތެރެއަށް ގޮސްގެން ފުލުހުންނާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - ޝަފީއު މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ މައުލޫމާތު އޭނާއަށް ލިބުނީ މިއަދު މެންދުރު 3:11ގައި ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާ އެކު މިނިސްޓްރީ އާއި އެ ސްކޫލުން ކުރި މަސައްކަތުން 3:30 އެހާކަންހާއިރު އެ ދަރިވަރު ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ. ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރެއްވީ ދެ ބޭނުމެއްގައި ކަމަށެވެ. އެގޮތުން ވިދާޅުވީ:
އެފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން
މި ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓެއް
އެހެން އެކަން އޮތްއިރު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުން
"ޔާ ﷲ. ރާއްޖޭގެ ކޮންމެ އިސްކޫލަކީ އަމާން އުފާވެރި ވެއްޓެއްކަމުގައި ލައްވާށި. އާމީން،" ޝަފީއުގެ ޕޯސްޓު ނިންމަވާލައްވަމުން ލިއުއްވާފައިވެ އެވެ.
ސްކޫލެއްގައި ކުޑަކުއްޖަކު ގޭޓުން ބޭރަށް ދިޔަ މައްސަލައެއް؛ ކުއްޖާއަށް ބޭރަށް ދެވުނުގޮތް ބަލައި ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ