އިގްތިސާދީ ވިސްނުމެއްގައި ވިސްނާއިރު، ފައިސާ ޗާޕު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ފައިސާ ޗާޕު ކުރުމުން ދިމާވާ މައްސަލަތައް ބައިވަރުވެފައި، ހައްލެއް ލިބެނީ ކުޑަ މުއްދަތަކަށެވެ.
އިގްތިސާދަށް އަލަށް ފައިސާ ނެރުމުން، އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރުވެ، އިގްތިސާދީ ހަރަކާތްތައް އިތުރުވެ އެވެ. އެކަމަކު އެއީ ކުރު މުއްދަތެއްގައި ލިބޭ މަދު ފައިދާއެކެވެ.
އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު ބޮޑުވުމާއި ފައިސާގެ އަގު ވެއްޓުމަކީ، ފައިސާ ޗާޕު ކުރުމުން ގައުމަކުން ތަޖުރިބާ ކުރަންޖެހޭ ނުރަނގަޅު ބައެއް ކަންކަމެވެ.
ކޮންމެހެން އެކަން ކުރަންޖެހޭ ހާލަތެއްގައި އެކަނި، އިގްތިސާދަށް އެ ބަރު ނެގޭނު ގޮތަކަށް މެނުވީ، ފައިސާ ޗާޕު ކުރުމަކީ، ހަމަ ހިލާ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން ބުނަނީ އެހެންވެ، ކަމުގެ ހައްސާސް މިންވަރު ބޮޑުވީމާ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނު ކުރެއްވި ވަރުގަދަ ރިޔާސީ ކެމްޕެއިނުގައި ވެސް، ފައިސާ ޗާޕު ކުރުމުގެ ވާހަކަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދެއްކެވީ ކަމުގެ މުހިންމުކަމުންނެވެ. އެމަނިކުފާނު ގެންގުޅުއްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އިއުލާނު ކުރެއްވީ އެއްވެސް މިންވަރަކަށް ފައިސާ ޗާޕު ނުކުރެއްވުމުގެ ޕޮލިސީއެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މަދުވެގެން ފަސް ދުވަހު، ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ. ނޮވެމްބަރު 17، 2023، ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް، ފައިސާ ޗާޕު ކުރުމާ ދެކޮޅަށް މަދުވެގެން ފަސް ފަހަރަކު އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި އޮތީ ފައިސާ ޗާޕު ކުރުމުން ދިވެހިރާއްޖޭގެ އިގްތިސާދު ވެއްޓޭނީ "ފުން އަނދަވަޅަކަށް" ކަމަށެވެ. ފައިސާ ޗާޕުކޮށްފި ނަމަ ދިވެހިރާއްޖޭގެ ތަޖުރިބާކުރަންޖެހޭނީ އަވައްޓެރި ސްރީ ލަންކާއިން ކުރިމަތިލާންޖެހުނު ފަދަ އިގްތިސާދީ ކާރިސާއަކާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދު ސަލާމަތް ކުރާ ނަމަ ފައިސާ ޗާޕު ކުރުމަކީ "އޮޕްޝަނެއް ނޫން" ކަމަށެވެ.
އެކަމަކު، ރައީސް މުއިއްޒުގެ އެ މުހިންމު ވައުދާ ހިލާފުވާން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ނިންމައި، އެކަމުގެ ރޭވުންތައް ރާވައި މަސައްކަތް ކުރަން ފަށައިފި އެވެ. ސަރުކާރުން ނިންމީ 14 ބިލިއަނަށް ވުރެ ގިނަ ފައިސާ ޗާޕުކޮށްލުމަށެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ޗާޕުކޮށްފައިނުވާ ރިކޯޑު މިންވަރެއްގެ އަދަދެކެވެ.
ފައިސާ ޗާޕުކޮށް އިގްތިސާދަށް އެ ފައިސާ ވައްދަން ނިންމީ މި ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބޭއްވި ބޯޑު ބައްދަލުވުމެއްގަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑަށް އެކަން ހުށަހެޅުއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މުނައްވަރު ހުށަހެޅުއްވީ އާބަން އައިލްގެ ނަމުގައި ވިއްކަން ހުށަހަޅާފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިން ގަތުމަށެވެ. ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާގެ ބިން ގަތުމަށް ހުށަހެޅި އެވެ.
އެ ހުށަހެޅުން ބޯޑާ ހަމައަށް އައިއިރު މުނައްވަރާއެކު ބޯޑުގައި ހަތް މެންބަރުން ތިއްބެވި އެވެ. އެނގިފައިވާ ގޮތުގައި ހުށަހެޅުން ފާސްވީ ފަސް ވޯޓާއެކު އެވެ. ޕްރިވެޓް ސެކްޓާ ތަމްސީލު ކުރައްވާ ފާތިމަތު ޝަފީގާ އެ ބައްދަލުވުމަށް ވަޑައެއްނުގަންނަވަ އެވެ. ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ އަނެއް މެންބަރު މަހްޒޫމް ސަލީމް ވޯޓު ދެއްވީ އެ ހުށަހެޅުމާ ދެކޮޅަށެވެ.
އެކަމަކު، އެ ހުށަހެޅުން ހުށަހެޅުއްވީ ސާފުކޮށް، ކުރަން އުޅޭ ކަންތައް އެނގޭ ކަހަލަ ގޮތަކަށް ނޫން ކަމަށް އަދަދު އާ ވާހަކަ ދެއްކެވި އެމްއެމްއޭގެ ބައެއް ބޯޑު މެންބަރުން ވިދާޅުވި އެވެ. ބައެއް މެންބަރުން ހުށަހެޅުމަށް ވޯޓު ދެއްވިއިރު ވެސް، ހުށަހެޅުމުގެ އަޑީގައި އޮތް ފޮރުވިފައިވާ ސިއްރެއް ނޭނގެ އެވެ.
އެކަމަކު، އެ ހުށަހެޅުން ފާސްވި ފަހުން ބޯޑުގެ ބައެއް މެންބަރުންނަށް ހަގީގަތް ހާމަވި އެވެ. އެހެންވެ، ބޯޑުގެ ނިންމުން ރިވިއުކޮށްދޭން ތިން މެންބަރަކު ރަސްމީކޮށް އެދިވަޑައިގަތެވެ. އެއީ ފިނޭންސް މިނިސްޓްރީން ބޯޑަށް ކަނޑަައަޅާފައި ހުންނަ މެންބަރު އަހުމަދު ޒަޔާން މުހައްމަދާއި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ މެންބަރު ޝުހާދު އިބްރާހިމް އަދި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދެވެ.
ނަމަވެސް އެ ނިންމުން އަލުން ރިވިއު ކުރަން އެމްއެމްއޭއިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއާއެކު މެންބަރު ޒަޔާން އާއި ޝުހާދު ބޯޑުން އިސްތިއުފާ ދެއްވި އެވެ. އަދި ނިންމުން ރިވިއު ކުރަން ހުށަހެޅީތީވެ، އިމާދު ވަކި ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ބޯޑުގެ ނިންމުމަށްފަހު ފައިސާ ޗާޕު ކުރުން ރަސްމީވުމުން، އެމްއެމްއޭއިން ވަނީ އާބަން އައިލުން ބިން ގަތުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް ބިމުގެ މުއާމަލާތާ ގުޅޭ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެކަމަކު، އެ ސިޓީއަށް އެޗްޑީސީން އަދި ޖަވާބެއް ނުދެ އެވެ.
ބަޔަކަށް ނާންގައި ސަރުކާރުން ސިއްރުން ފައިސާ ޗާޕު ކުރަން އުޅޭ ވާހަކަ އަދަދު އިން ފަޅައިއަރުވާލުމުން އެކަމަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ. އޭނާ ވިދާޅުވީ އިގްތިސާދަށް އަލަށް ވަންނަ ފައިސާ ސަރުކާރުން ބޭނުން ކުރާނީ، މި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުރަން ކަމަށެވެ.
"އެ ފައިސާ ބޭނުންކުރާނީ ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުކަމަށް ދެއްކުމަށައި، އެމަނިކުފާނުގެ އުފެއްދުންތެރިކަން ކުޑަ، ވަރަށް ޒިންމާދާރުކަން ކުޑަ މާލީ ހަރަދުތައް ދެމެހެއްޓުމަށް،" ފައްޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން، ފައިސާ ޗާޕު ކުރަން އެމްއެމްއޭއިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ފައްޔާޒް ގަބޫލު ކުރައްވަ އެވެ.
"އިންވެސްޓްމަންޓްތަކަށް ފައިސާ ޗާޕުކުރުމުގެ ގާނޫނީ ބާރެއް އެމްއެމްއޭއަށް ނޯންނާނެ. އެމްއެމްއޭގެ ގަވަރުނަރާއި ބޯޑު ޖަވާބުދާރީ ވާން ޖެހޭނެ. ސަރުކާރުގެ ފަހަތުގައި ފޮރުވިގެން އެމްއެމްއޭގެ ގަވަރުނަރަކަށް ނޫޅެވޭނެ. އެމްއެމްއޭ އަކީ މިނިވަން އިދާރާއަކަށް ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން ނިންމުމުން އެމްޑީޕީގެ މެންބަރުން އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާ ޗާޕު ކުރުމުން "އިގްތިސާދީ ހަމަޖެހުން" ނެތިގެންދާނެ ކަމަށެވެ.
"މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ނަގާލައި, އިގްތިސާދަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ހަމަ އެބަ ޔަގީންކުރެވޭ. މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ, އިންފްލޭޝަން މައްޗަށް ގޮސްފަ, އަދި އޭގެ އިތުރުން ދިވެހި ރުފިޔާ ބަލިކަށިވެ, ރާއްޖޭގެ އެކްސްޗޭންޖު ރޭޓު އިތުރަށް މަތިވަމުން, ގޯސްވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއް،" އަމީރު ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ފައިސާ ޗާޕު ކުރުމުން ދިވެހި ރުފިޔާގެ އަގު ވެއްޓި އެމެރިކާ ޑޮލަރުގެ އަގު އަރައިގެންދާނެ ކަމަށެވެ.
"މިއީ އެހެން ނަމެއްގައި ލާރި ޗާޕުކުރުން. އިތުރު 14 ބިލިއަން ސާކިއުލޭޝަން އަށް ނެރުމަކި 24ރ. އަށް ޑޮލަރުގެ ރޭޓު އަރައިގެންދާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާއަށް ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ހިޔާލު ފާޅު ކުރެއްވި އަނެއް ބޭފުޅަކީ ކުރީގެ ބަންޑާރަނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ. މީގެ ކުރިން ޓުއަރިޒަމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ސަވާދު ފާހަގަ ކުރެއްވި އެ ނުކުތާއަކީ ފައިސާ ޗާޕު ކުރުމުގެ ޑިޒިޝަން ސަރުކާރުން ނެގި ގޮތުގެ ހުދުމުހުތާރުކަމެވެ.
"މެކްރޯ އަދި މައިކްރޯ އިކޮނޮމިކް އިމްޕްލިކޭޝާންސްއަށް ވިސްނާ، ހިސާބުޖަހާ ޖެހި ހިސާބުތަށް ކެޕިޓަލްގެ ވެރިފަރާތް، ރައްޔިތުންނާ ހިއްސާ ކުރަންޖެހޭ. ފިނިކޮޓަރީގަ ސިއްރުން ކުރާ ކަންކަމުން ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުބަރަދަށް ނުއުފުލޭނެ އަސަރުކުރަނީ ނަމަ އެއީ ބޮޑު އިހުމާލެއް،" ސަވާދު ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރުމުގެ ނިންމުން ޑރ. ސަވާދު ސިފަ ކުރެއްވީ "އިގްތިސާދީ ބޮޑު ޖަރީމާއެއް" ގެ ގޮތުގަ އެވެ.
"މިރާއްޖޭގަ ކަންކަމާ ކަންކުރަން ދަންނަމީހުން މަދެއް ނޫން. ދައުލަތުން ގަސްތުގަ ގޯސް ނުހަދާނެ ކަމަށް ގަބޫލުކޮށްގެން ތިއްބާ މިފަދަ ނުރައްކާތެރި ކަމަކަށް ރައްޔިތުން ދޫކޮށްލުމަކީ އިގްތިސާދީ ބޮޑު ޖަރީމާއެއް. ބުއްދި އާއި ހިސާބު އިސްކޮށް ފަންނީ ކަންކަމުގަ ފަންނީ ނިންމެވުން އިސްކުރައްވާ،" އިގްތިސާދީ އިލްމު ވެސް ހާސިލު ކުރައްވާފައިވާ ސަވާދު ވިދާޅުވެފައިވެ އެވެ.
ފައިސާ ޗާޕު ކުރުމުގެ ނުރައްލަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަތައް އަޑުއެހި އެއްވެސް މީހަކު، އެމަނިކުފާނު އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕު ކުރައްވާފާނެ ކަމަށް ގަބޫލެއް ނުކުރާނެ އެވެ.
ފައިސާ ޗާޕު ކުރުން، ރައީސް ސިފަ ކުރެއްވީ ބިރުވެރި ކަމެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ރާއްޖޭގެ އިގްތިސާދުގެ ހަލާކު ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސާ ޗާޕު ކުރީ މަކަރުވެރި ގޮތަކަށް ކަމަށް އެމަނިކުފާނު ސިފަ ކުރެއްވި އެވެ.
ރައީސް މުއިއްޒު ދެއްކެވީ، ފައިސާ ޗާޕުކޮށްފި ނަމަ ގައުމަށް އޭގެ ސަބަބުން ކުރާނެ އަސަރުގެ ވާހަކަ އެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓިގެންދާނެ ގޮތުގެ ވާހަކަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފައިސާ ޗާޕު ނުކުރާތީ އެކަމަށް ލިބޭ ތައުރީފުގެ ވާހަކަ އެވެ.
އެންމެ މުހިންމު ކަމަކަށް ރައީސް މުއިއްޒު ތަކުރާރުކޮށް ދެއްކެވި ވާހަކައަކީ، އެމަނިކުފާނުގެ ވެރިކަމެއްގައި ފައިސާ ޗާޕު ނުކުރައްވާނެ ވާހަކަ އެވެ.
ތިރީގައި މި ގެނެސްދެނީ ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ތެރޭގައި އަދި އެމަނިކުފާނުގެ ވެރިކަމުގައި މިއަދާ ހަމައަށް ދައްކަވާފައި ހުރި ބައެއް ފާހަގަކޮށްލެވޭ ވާހަކަތަކެވެ.
ސެޕްޓެމްބަރު 2، 2023
" ... އަދި އޭގެ އިތުރަށް ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ މި ސަރުކާރުން މަޖިލިސްގެ މެޖޯރިޓީ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި އޮތް މާއްދާ ސަސްޕެންޑްކޮށްފައި، ފައިސާ ޗާޕްކޮށް މިހުރިހާ ކަމެއް ކޮށްގެން އަޅުގަނޑުމެންގެ އިކޮނޮމީ މިއޮތީ މުޅިން ހަލާކުވެފައި."
ސެޕްޓެމްބަރު 5، 2023
"މި ފަސް އަހަރު ޗާޕުކޮށްފި އަށް ބިލިއަން ރުފިޔާ. އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކޮށްފި. މީގެ ކުރީގެ 40 އަހަރު ހިނގި ހުރިހާ ވެރިކަމެއް އެއްކޮށްލީމާ އެ 40 އަހަރު ތެރޭގައި ޗާޕުކުރި ޖުމްލަ އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން. މި ފަސް އަހަރު އެކަނި އަށް ބިލިއަން ޗާޕްކުރި. ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި އޮތް މާއްދާ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތީތީ އޭގެ ނާޖައިޒް ފައިދާ ނަގައިގެން އެ މާއްދާ ސަސްޕެންޑުކޮށްފައި ޗާޕުކުރަނީ އިންތިހާއަށް."
ސެޕްޓެމްބަރު 6، 2023
"ދެވަނަ ކަމަކަށް ފައިސާ ޗާޕް ކުރުން ހުއްޓާލުން. މިހާރު އާދައަކަށް ހަދައިފި މިކަންތައް. އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރަން ނުޖެހޭ ވަރުގެ ކަމެއް މި ކުރަނީ."
"އިންފްލޭޝަން މަތ،ި އެކްސްޗޭންޖް ރޭޓު އިންތިހާއަށް ބޮޑަށް މައްޗަށް. އެކަން ކުރީ ކިހިނެއްތޯ. އެކަން ކުރިގޮތަކީ ފިސްކަލް ރެސްޕޮންސިބަލް ގާނޫނުގެ މާއްދާއެއް، އެކަމާ ބެހޭ މާއްދާއެއް ސަސްޕެންޑްކޮށްފައި، ހުރިހާ އަސާސްތަކާއި ހިލާފަށް މިކަން ކުރަން ފެށީ. އެހެންވީމާ، އެކަން ހުއްޓާލައި، އިސްތިސްނާ އުވާލައި، ފައިސާ ޗާޕްކުރުން ހުއްޓާލައި، ބޭކާރު ހަރަދު ކުރުން ހުއްޓާލައި، މި ދެންނެވިގޮތަށް ލިބޭ ޓެކްސް ފައިސާއިން ރިކަރަންޓު ހަރަދުތައް ބަލަހައްޓާ ގޮތަށް ހަމަޖައްސާނީ. އޭރުން ވަރަށް ފަސޭހަ ވެގެންދާނެ."
ސެޕްޓެމްބަރު 18، 2023
"މިހާރު މިއޮތީ އިގްތިސާ ދު އަނދަވަޅަކަށް ވެއްޓިގެން ގޮސް ނަގަންވެސް އުނދަގޫވާ ހިސާބުގައި. ހުރިހާ އަސާސްތަކެއް މުގުރާލައިފި. ފައިސާ ޗާޕްކުރުން އިންތިހާއަށް. އެހެންވީމާ އަޅުގަނޑު ދަންނަވާފައި އޮންނާނީ ފައިސާ ޗާޕްކުރުން ހުއްޓާލާނެ ވާހަކަ އާއި މައިގަނޑު އިގްތިސާދީ އަސާސްތައް ހަރުދަނާ ކުރާނެވާހަކަ އާއި އަޅުގަނޑުމެންގެ ހުރިހާ އިންޑަސްޓްރީތަކެއް ނަގައި ކޮޅަށް ޖަހައިދޭނެ ވާހަކައާއި އިތުރު ފުރުސަތުތައް ހޯދައިދީ މިގައުމުގައި މިއޮތް ދަރަނި ދެއްކޭނެ ގޮތްތައް ހަމަޖައްސައިދޭނެ ވާހަކަ އާއި މިހުރިހާ ކަމެއް މިއަންނަނީ ދަންނަވަމުން."
"މިހާލަތާއި ކުރިމަތިލާއިރު ދެން މިފެންނަނީ މިސަރުކާރުން މި ކިހިނެއްތޯ ފައިސާ މި ހޯދަނީ. މިކަން މެނޭޖެކުރަން އެއްކަމަކަށް ކުރާ ކަމަކީ ފައިސާ ޗާޕްކުރަނީ. ފައިސާ ޗާޕްކުރުމުގައި ވެސް އިންތިހާއަށް ބޮއްސުންލާފައިވޭ. ދެވަނަ ކަމަކަށް މިކުރާކަމަކީ ޓީބިލް ވިއްކަނީ. ޓީބިލް ވިއްކުމުގެ އިތުރަށް ބޮންޑާއި ސުކޫކް ބައިނަލްއަގްވާމީ މާކެޓްގައި ވެސް ވިއްކައިގެން އަދި ގައުމުތަކުން ދޭ އެކި ކަހަލަ ލޯނުތަކާއި ހިލޭ އެހީތަކާއި މިހުރިހާ ގޮތަކުން މިހޯދާ ފައިސާ މި ހޯދަނީ. އެހެންވީމާ މިވާގޮތަކީ މިކަމުގެ ސަބަބުން ހަމަ ހުރިހާ ގެއްލުމެއް ވަނީ ނިކަމެތި ރައްޔިތުންނަށް."
ސެޕްޓެމްބަރު 24، 2024
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މިސަރުކާރުން މި ފަސް އަހަރު ތެރޭގައި ފައިސާ ޗާޕްކޮށްފައިވެއޭ އަށް ބިލިއަން ރުފިޔާގެ ފައިސާ. އަށް ބިލިއަން ރުފިޔާ ފަސް އަހަރުން ޗާޕްކޮށްފައިވޭ. އެއީ މިވެރިކަމުގެ ކުރިން ދިޔަ ހުރިހާ ވެރިކަމެއް 40 އަހަރު އެއްކޮށްލާފައި ބެލީމާ ޗާޕްކުރި އަދަދަކީ ހަ ބިލިއަން. 40 އަހަރުން ހަ ބިލިއަން. މި ފަސް އަހަރުގައި އަށް ބިލިއަން. މި ފަސް އަހަރު އެކަނި އަށް ބިލިއަން ޗާޕްކުރި. ދެން ފައިސާ ގިނަވެ ޑޮލަރުގެ އަގު ވެއްޓޭނެވަރު ތިޔަ ބޭފުޅުން ވިސްނާލައްވާ."
ފެބްރުއަރީ 24، 2024
"9000 މިލިއަން ރުފިޔާގެ ދަރަނި، ތިޔަ ލޮބުވެތި ރައްޔިތުންގެ އެކިއެކި މަސައްކަތްތަކަށް، ބިލުތަކުގެ ގޮތުގައި ނުދެއްކި އޮތް ވާހަކަ. މިދިޔަ ސަރުކާރު ނިމގެންދިޔައިރުގައި ނުދައްކާ ހުރި. އެ ފައިސާތައް ވެސް މިދަނީ ދައްކަމުން. ބޭރުގެ އެކިއެކި ލޯނުތަކަށް ދައްކަން ހުރި ފައިސާ ދައްކަމުން. ފައިސާ ޗާޕްނުކޮށް ދައްކަމުން."
ފެބްރުއަރީ 25، 2024
"ފައިސާ ޗާޕްކުރުމުގެ ވާހަކަ، މިނިސްޓަރު ޝިޔާމް، ވަރަށް ސާފުކޮށް، ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވި. އެހެންވީމާ، މި އުނދަގޫ މަސައްކަތްތައް މި ކުރަނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކު ވެސް މި އެދޭފަދަ މުއްސަނދި ކަމެއް، ފަރުދީ މުއްސަނދި ކަމެއް ލިބޭ ހިސާބަށް ގައުމު ގެންދެވޭ ގޮތްވުން."
މާޗް 4، 2024
"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިތުރަށް ފައިސާ ޗާޕްނުކޮށް، އިތުރަށް ރުފިޔާގެ އަގު ވައްޓާނުލައި، އިގްތިސާދު ވަރުގަދަކުރުމުގެ މަސައްކަތް. ފައިސާ ޗާޕްކުރުމަކީ، މި ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރަންޏާ އޮޕްޝަނެއް ނޫން. އެކަން ކޮށްގެން ނުވާނެ."
އޭޕްރީލް 11، 2024
"އެއީ، ވަރަށް އުނދަގޫ ކަމެއް ހަގީގަތުގައި ވެސް. ސަރުކާރެއް ހިންގުމުގައި އަދި އަމުދުން ފައިސާ އާއި މާލީ ކަންކަމުގައި އުޅުއްވާ، ޕްރައިވެޓް ސެކްޓަރގައި ވެސް އުޅުއްވާ، މިކަމުގެ ދާއިރާގެ ކޮންމެ ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެ، މިކަމުގެ ހުރި ބޮޑުކަން. އެއީ، ކިހާ އުނދަގޫ ކަމެއްކަން، ރާއްޖެ އިގްތިސާދީ ގޮތުން އޮތް ހާލަތުގައި، ފައިސާ ޗާޕްނުކޮށް ކުރިއަށްދިޔުމަކީ."
"އެހެންވީމާ، ކުރީގައި އެދިޔަ ގޮތަށް ނުގެންދަންވެގެން ފައިސާ ޗާޕްކުރުން ހުއްޓާލީ. އެކަން އެހެން ކުރިނަމަ، އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ވާނީ ކުރިއަށް އޮތް ތާނގައި. އިގްތިސާދު ގޮސް އަނދަވަޅަކަށް ވެއްޓި، އަޅުގަނޑުމެން ފުރަތަމަފަހަރަށް ޑިފޯލްޓް ވާނީ. މާނަޔަކީ ބޭރުގެ ދަރަނި ދެއްކުމުގައި އަޅުގަނޑުމެން ފެއިލްވާނީ. އަޅުގަނޑުމެން ބޭނުންނުވީ އެކަން ކުރަން."
"އެހެންވީމާ، މިކަމާ ގުޅޭ އިންޓަރނޭޝަނަލް ދެ ބޮޑީ، އައިއެމްއެފް އަދި ވޯލްޑް ބޭންކުން ރާއްޖޭގެ ސިޔާސަތު ބަލައިގަތީ. އެހެން ނޫން ނަމަ، އަޅުގަނޑުމެން ވެއްޓޭނީ ފުން އަނދަވަޅަކަށް. އަޅުގަނޑުމެން ދަރަނިވެރިވާނީ، ކައިރީގެ ބައެއް ގައުމުތައް ވެސް މިދޭތެރެއިންވީ ގޮތަށް. އަޅުގަނޑުމެންނަށް އަރައިނުގަނެވޭނެ. އަނެއްކާ ތެލަށް ވެސް ފައިސާ ދައްކަމުން، ހަމަ ހުރިހާ ކަމެއް ކުރަމުން މިގެންދަނީ ފައިސާ ޗާޕްނުކޮށް."
ޖެނުއަރީ 22، 2025
"މިދިޔަ އަހަރުގެ ތެރޭގައި މީގެ ގިނަ ކަންކަން ނުވެ އެހެރީ، އަޅުގަނޑުމެންނަށް އެކަމުގައި ކުރިއަށް ދެވޭނެ މަގުތައް، ބަޖެޓުގެ ތެރެއިންނާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހުނު މަސައްކަތުގެ ތެރެއިން ފަހިނުވެ ދިޔައިމަ. އެއީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިދިޔަ އަހަރު ތެރޭގައި ހަމަ ގާތްގަނޑަކަށް އެކަން އެހެންވީ. ނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ފައިސާ ޗާޕްނުކޮށް، ބޭރުގެ އެއްވެސް ތަނަކަށް އޮތް ދަރަންޏަކަށް ޑިފޯލްޓްނުވެ، ގައުމުގެ އިގްތިސާދު ރަނގަޅުކުރަމުން މި އަންނަނީ."
~ ~
ދިވެހިރާއްޖޭގެ އިގްތިސާދީ، މާލީ ހާލަތު މިއަދު މި އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ފަތުރުވެރިކަމުގެ މާކެޓު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. މަސްވެރިކަން ދަށެވެ. އެހެން އޮއްވައި ކުއްލިއަކަށް އިގްތިސާދަށް ބިލިއަނުން ފައިސާ ވެއްދުމުން ރަނގަޅު ގޮތެއް ނުވާނެ އެވެ.
މިވަގުތު ފައިސާ ޗާޕު ކުރުމަކީ އޭގެ ނުރަނގަޅު އަސަރު ޖީލުތަކަށް ދެމިގެންދާނެ ކަމެކެވެ. ހުރިހާ ބުރައެއް އުފުލަންޖެހޭނީ އަނެއްކާ ވެސް ރައްޔިތުންނަށެވެ. ބިކަވާނީ ރައްޔިތުންނެވެ. މިއަދު މި ދައުރު ނިމުނަސް އެހެން ތަނަވަސް ގައުމެއްގައި ދިރިއުޅުމުގެ މުއްސަނދިކަން ވެރިންނަށް އޮންނާނެ އެވެ.
އެތައް ފަހަރަކު ވެވަޑައިގެންނެވި ފައިސާ ޗާޕު ނުކުރައްވާނެކަމުގެ ވައުދު ވެސް ޑަސްބިނަށް އެތައް ފަހަރަކު ވެވަޑައިގެންނެވި ފައިސާ ޗާޕު ނުކުރައްވާނެކަމުގެ ވައުދު ވެސް ޑަސްބިނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ