ކޮޅުފުށިން ފަހަތުންއަރައި މަޑުއްވަރި ބަލިކޮށްފި، މުލަކު އަތުން ނާލާފުއްޓަށް މުހިންމު މޮޅެއް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި މ. އަތޮޅުގެ ފުރަތަމަ ބުރުގައި ކޮޅުފުށިން ފަަހަތުންއަރައި މަޑުއްވަރި ބަލިކުރިއިރު އެ އަތޮޅު މުލަކު ބަލިކޮށް ނާލާފުށިން އުންމީދު ހޯދައިފިއެވެ. އިއްޔެ ހަވީރު ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު މ. އަތޮޅުގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗު 3-2 ނަތީޖާއަކުން މަޑުއްވަރިއާ ވާދަކޮށް ކާމިޔާބުހޯދީ ކޮޅުފުށިންނެވެ. އެ މެޗުގައި ކޮޅުފުށީގެ ތިން ގޯލު ވެސް ޖެހީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި މޫސާ ޒާހިރުއެވެ. އަދި މަޑުވައްރީގެ ދެ ގޯލު ޖެހީ އިރުފާން އާމިރުއެވެ. އެ ގްރޫޕްގައި ކޮޅުފުއްޓާއި މަޑުއްވަރީގެ އިތުރުން ދެން ހިމެނެނީ މުއްޔެވެ. އަންނަ ހުކުރު ދުވަހު އެ ގްރޫޕްގެ ދެވަނަ މެޗުގައި މުއްޔާއި ކޮޅުފުށި ބައްދަލުކުރާނެއެވެ. މ. އަތޮޅުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނާލާފުއްޓާއި މުލަކެވެ. އެ މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނާލާފުށިންނެވެ. މެޗުގައި ނާލާފުށީގެ ހަތަރު ގޯލު ވެސް ޖެހީ މެޗުގައި އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އަޒްމީލްއެވެ. އަދި މުލަކުގެ ހަމައެކަނި ގޯލު ޖެހީ ސުޖުއާން ހަސަންއެވެ. އެ ގްރޫޕްގައި ނާލާފުއްޓާއިި މުލަކުގެ އިތުރުން ދެން ހިމެނެނީ އެ އަތޮޅުގެ ޗެމްޕިއަން ދިއްގަރެވެ. އަންނަ ހުކުރު ދުވަހު އެ ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިއްގަރާއި މުލަކެވެ. ކޮޅުފުއްޓާއި މަޑުއްވަރި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން.. މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބާރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ