މޯލްޑިވިއަންގެ ބޯޓު ދައްކާލުމަށް އެއާ ޝޯއެއް ބާއްވަނީ
ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެ އެއާލައިނަށް ގެންނަ އޭ330 މަރުކާގެ ބޯޓު ގެނައުން ފާހަގަކުރުމަށް އަންނަ ހޯމަ ދުވަހު އެއާޝޯއެއް ބާއްވަން ނިންމައިފި އެވެ.އެ އެއާލައިނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި އެއާ ޝޯއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.އެއާ ޝޯ ބާއްވަނީ އެ ދުވަހުގެ ހަވީރު 5:00-5:30 އަށެވެ. އެއީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ.މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު -- އެއާބަސް އޭ-330 އަށް މަރުހަބާ ކިއުމަށް ތައްޔާރުވެފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް އިން ވަނީ ބުނެފަ އެވެ.ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމަށް މޯލްޑިވިއަން އިން ނިންމީ ދުރު މަންޒިލްތަކަށް ދަތުރުކޮށް އިތުރު ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރާ އޭ330 މަރުކާގެ ބޯޓާ އެކު އެ އެއާލައިނުގެ ދަތުރުތައް ޗައިނާގެ ހަތަރު މަންޒިލަކަށް ފަށަން ވަނީ ނިންމައިފަ އެވެ. އޭގެ ފަހުން ޔޫރަޕުގެ މަންޒިލުތަކަށް ވެސް މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރަން ވަނީ ރާވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ