އެކި މީހުންގެ ނަމުގައި ވަގު މެމްބާޝިޕް ފޯމު ފުރައި ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން ވައްދާފައިވާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހްސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން އެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައެއް އާންމު މެންބަރުން އަދި އެހެނިހެން ޕާޓީތަކުގައި ތިބި ބައެއް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ސޮއިނުކުރާ އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާކަމުގެ މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ.
އޭގެ ތެރޭގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވެސް ހިމެނެ އެވެ. ނަމަވެސް އެ މައްސަލަ ބަލައި އޭނާ ވަނީ އަނބުރާ އެމްޑީޕީއަށް ބަދަލުކޮށްފަ އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި އިހުސާނާ ސުވާލުކުރަން އެދިފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މީކާއިލް ވަނީ ދެ ސުވާލެއް މިނިސްޓަރާ ކުރުމަށް އެދިފަ އެވެ.
ވަޒީރާ ކުރަން ބޭނުންވާ ސުވާލު:
ހޯމް މިނިސްޓްރީގެ ދަށުން ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން މީހުންގެ ޝަހުސް އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅު ތަކެއްތޯ
ސައްހަ ނޫން ފޯމްތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ތިޔަ މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ
ފާހަގަކޮށްލެވޭ - ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޯމުތަކެއްގައި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި އޮތް ކަމަށް ބުނެ އޭނާއަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ޕީއެންސީއަށް މެންބަރުން ސޮއިކޮށްފައިވާ އެއްވެސް ފޯމެއްގައި ހެކީގެ ގޮތުގައި އޭނާ ސޮއިކުރައްވާފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސޮއި އޮތް ފޯމުތަކެއްގެ ފޮޓޯތަކެއް ފެނުނު ކަމަށާއި އެއީ އުފައްދާފައިވާ ފޯމުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
އެނގުން މުހިންމު - ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ އެޖެންޑާކޮށްފަ އެވެ. މިހާރު ލާފައި އޮތް މާދަމާގެ ޖަލްސާގެ އެޖެންޑާގައި އިހުސާނާ ސުވާލުކުރުން ހިމަނާފައެއް ނުވެ އެވެ. ނަމަވެސް އަންނަ ހޯމަ ދުވަހު ބާއްވާ ދައުރުން ބޭރުގެ ދެވަނަ ޖަލްސާގައި އިހުސާނާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ބެލެވެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދު ވަޒީރަކާ ކުރެވޭ ސުވާލަށް ޖަވާބުދިނުން އެޖެންޑާކޮށްފައިވާ ޖަލްސާއަށް އެ ވަޒީރަކު ހާޒިރުވެ، އެ ޖަލްސާގައި މަޖިލީހުގެ ރައީސް ދޭ ފުރުސަތުގައި އެ ސުވާލަން ޖަވާބުދެން ޖެހޭނެ އެވެ.
'ވަގު ފޯމު'ތަކުގެ މައްސަލައިގައި މަޖިލީހުގައި އިހުސާނާ ސުވާލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ