މިފްކޯގެ ކޮރަޕްޝަންތައް މުލުން ލުހެލައި މަސްވެރިން ބޭނުންވާ ބަދަލުތައް މިފްކޯއިން ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މިފްކޯއަށް ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން މިފްކޯގެ ތެރޭގައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކޮށް، މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލުކުރަނީ ކޮރަޕްޝަންގެ ޢަމަލުތަކެއް ގޮތުގައި ފެންނަ ކަންތައްތަކޭ. އަޅުގަނޑުމެން ހުރިހާ ކަމެއް އެތަނުން މުލުން ލުހެލާނަން. އެތަނާއި އެހުރީ އަޅުގަނޑުމެންގެ ސަރަހައްދުގައި ނޫޅޭ ބޭފުޅަކާއި އެކަން ހަވާލުކޮށްފައި. ތަނުގެ ހިނގުން އަޅުގަނޑުމެން ސީދާ ވަރަށް ގާތުން ރިފޯމް ތެރޭގައި މިކުރިއަށްގެންދަނީ. މިފްކޯ ހަރުދަނާ ކުރެވި އެދާ ވެސްޓޭޖް ހަރުދަނާ ކުރެވި މަސްވެރިން ބޭނުންވާ ގޮތަށް އެތަން ހަރުދަނާ ކުރުމުގެ މަސައްކަތް އޮތީ ފެށިފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި، ކުންފުނީގެ މެނޭޖްމަންޓަށް ބަދަލު ގެނައުމާއި، މަސްވެރިންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަށްވީ، ވަޢުދު ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ މަސައްކަތްވެސް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، މިފްކޯގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފްކޯއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި މި ކުންފުނީގެ ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ގިނަ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންކަމަށް ހައްލު ހޯދައި، މަސްވެރިންގެ އިތުބާރު އަލުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ރައީސްގެ މި ބަސްފުޅުން ސާފުވެއެވެ.
މިފްކޯގެ ކޮރަޕްޝަންތައް މުލުން ލުހެލައި މަސްވެރިން ބޭނުންވާ ބަދަލުތައް މިފްކޯއިން ފެންނާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ