އަބްދުﷲ ރިޔާޒްގެ ޝަރީއަތް: ހެކި ބަސް ނެގުން މިއަދު!

މޯބައިލް ފޯނުގެ ލޮކް ކޯޑް ދޭން އިންކާރުކޮށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ހިންގަމުންދާ ޝަރީއަތުގައި ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
 
ރިޔާޒްގެ ޝަރީއަތިހެ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 3:00 އަށެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމެވެ.
 
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހަތަރު ފުލުހުންނާއި ފޮރެންސިކް ރިޕޯޓެއްގެ އިތުރުން ކޯޓުން ނެރުނު އަމުރު ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
 
ދައުވާއިން ދިފާއުވުމަށް ރިޔާޒްގެ ފަރާތުން ވަނީ، އޭނާގެ މައްޗަށް ނެރުނު އަމުރާއި ފޯނު ހުޅުވަން އަންގައި ނެރޭ އަމުރާ ތަފާތުކަން އެންގުމަށް، ފޯނުތަކެއް ހުޅުވަން އަމުރުކޮށް ކޯޓުން ނެރެފައިވާ ތިން އަމުރެއް ހުށަހަޅާފަ އެވެ.
 
ރިޔާޒްގެ މައްޗަށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ހިންގަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރިޔާޒް ވަނީ ފޯނުގެ ލޮކްކޯޑް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ