ރައްޔިތުން ބޭނުންވާ ގޮތް ވައުދުގެ ދަތުރުން ހޯދިއްޖެ: ރައީސް ނަޝީދު

ދެކުނުގެ ރަށްތަކަށް އެމްޑީޕީންކުރި "ވައުދުގެ ދަތުރު"ން ރައްޔިތުން ބޭނުންވާ ގޮތް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް މި މަހުގެ 1 ވަނަ ދުވަހު ފެށި "ވައުދުގެ ދަތުރުގެ" އެންމެ ފަހު މަންޒިލް ކަމަށްވާ ސ. ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްގެން ރައްޔިތުންގެ ހާލުއަހުވާލު ބެލި އިރު ޝަކުވާތައް ގިނަ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ، ރާއްޖޭގެ ޒުވާން ޖީލު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ނުވެފައި އޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ އަޅުގަނޑުމެންގެ ވައުދެއް. އެކަމަކު އައްޑޫގައި ވެސް މިހާރު އަނެއްކާ މި ފެންނަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންތައް އިތުރުވަމުންދާތަން. މިއީ ރައްޔިތުން ކުރަން ޖެހިފައިވާ ހިތާމައެއް،" އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި މި ގައުމުން ދިވެހިންނަށް ތަރައްގީ ހޯދޭނެ ކަމަށެވެ. އަދި ބޭސް ސިޓީއަށް ސަލާން ޖެހުމާއި ބޯހިޔާވަހިކަމެއް ނެތި ބިކަހާލުގައި ޖެހުން ދިވެހިންނަށް ހައްގު ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަން ފެށިގެން އައީ ރައްޔިތުންގެ
އިތުބާރާއި ވޯޓުން ކަމަށާއި ހައެއްކަ އެސްއޯ "ސިފައިންގެ" ޕެޕާ ސްޕްރޭއިން ވެރިކަން ވައްޓާލުން ރާއްޖޭގެ ރައްޔިތުންނަށް ހައްގު ނޫން ކަމަށެވެ. އަދި ހުރިހާ ބާރުތަކެއް އޮންނަން ޖެހެނީ ވެސް ރައްޔިތުންގެ އަތުގައި ކަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެ އިތުބާރާއި އެ ހައްގު އެމްޑީޕީން އަލުން ހޯދައިދޭނެ ކަމަށް ނަޝީދު ވައުދުވެވަޑައިގެންނެވި އެވެ.
ނަޝީދު ވިދާޅުވީ މީގެ ތިން އަހަރު ކުރިން އެމްޑީޕީން ވެރިކަމަށް އައީ ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރު ނުވާކަން އެނގި އެ ހައްގު ހޯދައިދިނުމަށް ކަމަށެވެ. އެ ޕާޓީން ވެރިކަން ކުރީ ރައްޔިތުންނާއި ބޯހިޔާވަހިކަމާއި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދީ، އިންސާފު ގާއިމްކޮށް އިސްލާމްދީން ރައްކާތެރިކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު މިއަދު ކުރިމަތިލާން ޖެހިފައިވާ ކަންތައްތައް ރައްޔިތުންނަށް ހައްގު ނޫން ކަމުގައި ނަޝީދު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް މި ފެންނަނީ ވޭތުވެ ދިޔަ ތިން އަހަރު އަޅުގަނޑުމެން މި ތަނުގެ ތަރައްގީއަށް ފެށި މަޝްރޫއުތައް ހުއްޓާލާފައިވާތަން. މިއީ ހިތާމަކުރަން ޖެހޭ ކަމެއް. މިއަދު މި ފެންނަ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ހައްގެއް ނޫން. އެހެންވެ، އަޅުގަނޑުމެން އެނބުރި މި ނިކުންނަނީ މި ތަރައްގީއާއި ހައްގު އަނބުރާ ރައްޔިތުންނަށް ހޯދައިދޭނަން،"
"ވައުދުގެ ދަތުރުން" އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުނުކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ މިރޭގެ ޖަލްސާއަކީ މާލޭން ބޭރުގައި ބޭއްވި މި ފަދަ އެންމެ ބޮޑު ޖަލްސާ ކަމަށެވެ. އަދި އެމްޑީޕީއަށް އޮތް ތާއީދު މި ޖަލްސާއިން ވެސް ފެނިގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ