މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ކުރެއްވި ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވާ: ކެމްޕޭން މެނޭޖަރު

ޕީޕީއެމްގެ މެމްބަރުންނާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކިބައިން މާފަށް އެދެން ޖެހޭވަރުގެ ކަމެއް ކުރެއްވުނު ކަމަށް އުމަރާއި ކެމްޕޭން ޓީމުން ވެސް ގަބޫލުނުކުރާ ކަމަށާއި އެކަމަކު މާފަށް އެދުމާ މެދު ވަކި ޖަވާބެއް އުމަރު އަދި ނުދެއްވާ ކަމަށް އޭނާގެ ކެމްޕޭން މެނޭޖަރު އަހުމަދު ސަލީމް (މާޒް ސަލީމް) ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އުމަރު ވަކިން ޖަލްސާ ބާއްވައި ޕީޕީއެމާއި ޔާމީނަށް ފާޑުވިދާޅުވި މައްސަލާގައި އަންނަ އާދީއްތަދުވަހު ހެނދުނު 10:00 ގެ ކުރިން ޕީޕީއެމްގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް ޕާޓީން ވަނީ އަންގައިފަ އެވެ. އެގޮތަށް އުމަރު އަމަލުނުކުރައްވައިފި ނަމަ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ސުލޫކީ ކޮމެޓީ އަށް ފޮނުވަން ވެސް ޕީޕީއެމްގެ ކައުންސިލުން ނިންމި އެވެ.
ސަލީމް ވިދާޅުވީ މާފަށް އެދިވަޑައިގަތުމާއި ނުގަތުން އެއީ އުމަރުގެ ނިންމެވުމެއް ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދާ އުމަރު މިހާތަނަށް ހިލާފުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ޕީޕީއެމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ޕާޓީއަކަށް ވެފައި އުމަރަކީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް ވާތީ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމުގެ ހައްގު އޭނާ އަށް އޮންނަން ވާނެ ކަމަށެވެ. އަދި އުމަރު ވަކިން ޖަލްސާ ބޭއްވެވީ އެ ވިސްނެވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ގަބޫލެއްނުކުރަން މާފަށް އެދެން ޖެހޭވަރުގެ ކަމެއް ކުރެވިފައިވާ ކަމަކަށް. މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަން އަންގައި ދެ ވަނަ ސިޓީއެއް ވެސް ލިބިފައި އެބަ އޮތް. އެ ސިޓީ އަށް އުމަރު ޖަވާބެއް އަދި ނުދެއްވާ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ސިންގަޕޫރަށް ވަޑައިގެންނެވި އުމަރު މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހު އެވެ. އެހެންކަމުން މާފަށް އެދިވަޑައިގަތުމަށް ދިން މުއްދަތު އިތުރުކުރަން ޕީޕީއެމަށް ސިޓީ ފޮނުވުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ދިޔައިރު އެ ޕާޓީގެ ކައުންސިލް މެމްބަރުން ވަރަށް ހަޑިހުތުރުކޮށް އުމަރާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް އެފަދަ ވާހަކަތަކަށް އުމަރު ރައްދު ދެއްވާފައި ނޯންނާނެ ކަމަށާއި އުމަރާއި އޭނާގެ ކެމްޕޭން ޓީމުން ވެސް މިހާތަނަށް ވާހަކަ ދެއްކީ ދެ ކެންޑިޑޭޓުންގެ ތަފާތު އަންގައިދޭން ކަމަށް ސަލީމް ވިދާޅުވި އެވެ.
އުމަރާ މެދު ޕީޕީއެމްގެ ކައުންސިލް ބައެއް މެމްބަރުން ޒާތީ މައްސަލަތަކެއް ގެންގުޅުއްވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައެއްނުގެންނެވި އެވެ.
ސަލީމް ވިދާޅުވީ ޕީޕީއެމް ބައިބައިވެ ފިތުނަ އުފެދޭ އެއްވެސް ކަމެއް އުމަރު ކުރައްވާފައި ނޯންނާނެ ކަމަށެވެ. އުމަރާއި އޭނާގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި އުމަރު މައާފަށް އެދިވަޑައިގަންނަވަން ޖެހެނީ އެ ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާއި ކުރެއްވި ތުހުމަތުތަކަށް ވަކިވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ