މަޖިލީހުގެ އެންމެ ސާފު މެޖޯރިޓީ ޕީޕީއެމަށް އެކަނި ހޯދުމަށް އިތުރު މެންބަރަކު ބޭނުންވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އެންމެ ސާފު މެޖޯރިޓީ ހަމަ އެކަނި ޕީޕީއެމަށް ހޯދުމަށް އަދި އިތުރު އެއް މެންބަރަކު ބޭނުންވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ. ޕީޕީއެމްއިން ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ތަރާވީހުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ސާފު މެޖޯރިޓީ ލިބެން އަންނަނީ އަދި އެއް މެންބަރަކު ޕީޕީއެމާއި ގުޅިވަޑައިގަތުމުން ކަމަށާއި، ޕީޕީއެމްގައި މިވަގުތު ސާޅީސް ދެ މެންބަރުން ތިއްބެވި ނަމަވެސް އެ ޕާޓީ އާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީ ތަކާއި އެކު މިހާރުވެސް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބިފައި ވާކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވަނީ ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްގެން ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެކަތިގަނޑަކަށްވެ، އެއްބައިވާން ޖެހޭ ކަމަށެވެ. އިދިކޮޅު އެމްޑީޕީއަށް ބަހުގެ ޙަމަލާތައް ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީގެ މަގްސަދަކީ ދޭތެރެ ޖެއްސުމާއި ބައިބައި ކުރުމަށް މަސައްކަތް ކުރުން ކަމަށާއި، ޕީޕީއެމުން އެކަމަށް ވިސްނުން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެއްބައިވަންތަކަން ގެއްލިގެން ނުވާނެ ކަމަށާއި، ހުރިހާ ތަނެއްގައި ވެސް ކެތްތެރިވެ އެކަކު އަނެކަކަށް އެހީތެރިވުމަށާއި، އެކަކު އަނެކެއްގެ ވާހަކަ އަޑު އެހުމަށް ރައީސް މައުމޫން ޕީޕީއެމްގެ އިސްފަރާތްތަކަށް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ