ފުލުހުން އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކުރި - އެޗްއާރުސީއެމް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ މައްޗަށްކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށާއި އެމަނިކުފާނުގެ ހިމާޔަތުގައި ތިބިކަން ހާމަކުރުމަށް އެމްޑީޕީން ރޭކުރި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމުގައި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށާއި ބައެއް ހާލަތުގައި އަމަން ބަލަހައްޓާ ފަރާތްތަކުގެ ބަސްމަގު އެކަށީގެންނުވާ ގޮތަށް ބަހައްޓާފައިވާކަމަށް އެޗްއާރުސީއެމްއިން ބުނެފި އެވެ.
އެމްޑީޕީން ރޭ ކުރި މުޒާހަރާ މޮނިޓަރ ކުރުމަށް ފަހު މިއަދު އެޗްއާރްސީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން ރޭ ކުރި މުޒާހަރާއާ ގުޅިގެން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެކި ފަރާތްތަކަށް އެކިވަރުގެ އަނިޔާތަކާއި ގެއްލުން ލިބިފައިވާ ކަމަށެވެ.
އަދި ބައެއް އަންހެނުން ހައްޔަރުކުރުމަށް ފިރިހެން ފުލުހުން ހަރަކާތްތެރިވެ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެމްޑީޕީން ރޭ ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުންގެ އަމަލުތައް ކުރި ގޮތްތަކާއި މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރި ގޮތާއި މެދު ވެސް އެޗްއާރުސީއެމްއިން ކަންބޮޑުވާ ކަމަށެވެ.
އެޗްއާރްސީއެމް އިން ބުނީ އަމަންބެލެހެއްޓި ފަރާތްތަކުގެ އިތުރުން މުޒާހަރާގެ ބައިވެރިން ވެސް އަމަލުތައް ހުރީ މުޒާހަރާގެ ސުލްހަވެރިކަން ގެއްލޭ ގޮތަށް ކަމަށާއި އެގޮތުން މުޒާހަރާގައި އެކިވަރުގެ ކުރިމަތިލުންތައް ހިންގައި އަނިޔާތައް ލިބިފައިވާ އިރު އެ މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރުމާއި މުޒާހަރާގެ ހަބަރުތައް ގެނެސްދިން ބައެއް ޓީވީ ޗެނަލްތަކުން ހަގީގަތް އޮޅޭގޮތަށް ހަބަރާއި މަންޒަރު ގެނެސްދިން ކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއް ނިގުޅައި ނުގަނެވޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.
އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއްކަމުން، މި ހައްގުތައް ބޭނުންކުރާއިރު އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކޮށް، މީހުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ނުވާނެގޮތަކަށް ޒިންމާދާރުކަމާއެކު މިހައްގު ބޭނުންކުރުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ.
"ހުރިހާ ކަމެއްގައިވެސް ގައުމީ މަސްލަހަތު އިސްކޮށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިސްލާމީ ރިވެތި އުސޫލުތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާ ކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ،" ކޮމިޝަނުގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ