2018 ގައި ފެންނާނީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕާޓީއަށް ކިތަންމެ ހުރަސްތަކެއް ކުރިމަތިކޮށްފައި ވީނަމަވެސް ޖުމްހޫރީ ޕާޓީއަކީ ކުރިމަގު އޮތް ޕާޓީއެއް ކަމަށާއި 2018ގައި ޕާޓީ ފެނިގެންދާނީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ކަމަށް އެޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ސަރުކާރު ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ ގާސިމް އިބްރާހީމަށް ވީނަމަވެސް ވެރިކަމަށް މާގިނަދުވަހެއް ނުވެ ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީ ބޭރުކޮށް އެކި ގޮތްގޮތުން އެމަނިކުފާނަށް ދަތިކުރަމުން އައިސް އެންމެ ފަހުން ޖަލު ހުކުމަކާ ހަމައަށް ވަޑައިގަންވަން ޖެހިވަޑައިގަތުމުގެ ހުރިހާވެސް ސަބަބަކީ ސަރުކާރުގެ އަނިޔާވެރިކަން ކަމަށެވެ. އެމަނިކުފާނާމެދު މިގޮތަށް ކަންކަން ވެގެންދިޔައީ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އިހުމާލެއް އޮވެގެން ނޫން ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގާސިމަކީ ރައްޔިތުން ވަރަށް ލޯބިވާ، ސިޔާސީ ނުފޫޒު ވަރަށް ގަދަ ބޭފުޅަކަށް ވުމުން ސަރުކާރުގެ ބޭނުމަކީ އެމަނިކުފާނުގެ ނުފޫޒު ކަނޑުވާލުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި ގާސިމަށް ރައްޔިތުން ތާއީދުކުރަނީ ހިތާއި ރޫހުން ކަމަށެވެ. އަދި އެމަނިކުފާނު ކޮށްދެއްވާ ކަންކަމުގެ ވާހަކަ ދައްކަވައިގެން ތާއީދު ހޯއްދަވަން އުޅުއްވުމުގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސިޔާސަތުތަކެއް ހުށަހަޅުއްވައިގެން އެކަންކަމަށް ތާއީދު ހޯއްދެވުމަށް ކަމަށެވެ.
އެމަނިކުފާނާމެދު މިހާ އިހާނެތިކޮށް އަމަލުކޮށްފައިވަނީ އެ ފުރުސަތު 2018ގައި ނުދިނުމުގެ ގޮތުން ކަމަށާއި 65 އަހަރުން މަތީ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައީވެސް އެސަބަބަށްޓަކައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"ހަގީގަތުގައި ގައުމަށް ވަރަށް އިޚުލާސްތެރި ބޭފުޅެއް ގާސިމަކީ. ގައުމަށް ރަގަޅުގޮތް ވާން އެދިވަޑައިގަންނަވާ ބޭފުޅެއް. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ގާނޫނުއަސާސީ ހެދުމުގައި އެންމެ ނުފޫޒުގަދަކޮށް މަޖިލީސްތެރޭ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ގާސިމް. އެމަނިކުފާނުގެ އެހިތްވަރާއި ކަންކަން ދުއްވާލުމަށްޓަކައި ކުރާ ކަންކަން މިއީ" ރިޔާޒު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކޮށްފައިވާ މައްސަލާގައި ރިޔާޒު ވިދާޅުވީ ސިޔާސީ ޕާޓީތައް އުވާލުމަށްވެސް ސަރުކާރުން މަސައްކަތް ކޮށްފާނެ ކަމަށާއި ނަމަވެސް އެގޮތަށް އެކަން ކުރަން ރައްޔިތުން ޖާގަނުދޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަށާއި ޕާޓީއަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާއެކުވެސް އެއީ ކުރިމަގު އޮތް ޕާޓީއެއް ކަމަށާއި ގާސިމަކީ ޑިމޮކްރެސީއަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ހުޅުވިފައި އޮންނަ ސިޔާސީ ފުރުސަތުތަކެއް ގައުމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެ ސަބަބުން ސިޔާސީގޮތުން ހަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނާއި އެހެނިހެން ގިންތީގެ މީހުންނަށްވެސް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
ޕާޓީގެ އެންމެ އަގުބޮޑު ރައުސްމާލަކީ ލީޑަރު ގާސިމް އިބްރާހީމް ކަމަށާއި ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާކޮށް، ވާދަވެރި މާހައުލެއް އޮތް ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ހެދުމަށް ގާސިމް އިބްރާހީމް ހުންނެވީ ފުރުސަތު ދެއްވުމަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން ރިޔާސީ ޓިކެޓު ދޭނެ ބޭފުޅަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ކައުންސިލުން ނިންމައިފިނަމަ އެފުރުސަތުވެސް ފަހިކޮށްދެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށް އަސާސީ ގަވާއިދުގައި މިހާރު އޮންނަ މާއްދާއަށް ބަދަލު އައުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
"އެމާއްދާ ބަދަލުވާނެ ކަަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ. ޕާޓީތެރޭގަިއ އެވިސްނުން އެބަހުރި. އަދި ޕާޓީ ލީޑަރުގެވެސް އެވިސްނުންފުޅު އެބަހުރި. ޕާޓީގެ ސިޔާސީ ނުފޫޒު އެންމެ ވަރުގަދަ ބޭފުޅަކީ ލީޑަރު ގާސިމް. ބަދަލު ގެނެވޭނީވެސް އެމަނިކުފާނު ބޭނުންފުޅުވާނަމަ. އެމަނިކުފާނު ހުންނެވީ ބަދަލު ގެންނަވަން. އެބަދަލު ގެންނަވަން އެމަނިކުފާނު ހުންނެވިއްޔާ އެއީ ވަރަށް ފަސޭހަ ކަމަކަށް ވާނެ" އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރު ރިޔާޒު ވިދާޅުވީ ޕާޓީގެ މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމުގައާއި ޕާޓީން ނިކުންނަ އިންތިޚާބުތަކުގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމުގައި އެތެރޭގެ އިންތިޚާބު އޮންނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންވެސް ކަނޑައެޅެންވާނީ ހަރުދަނާ ޕްރައިމަރީއަކުން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގައި ވަރަށް ތައުލީމީ ބޭފުޅުން އެބަތިއްބެވި ކަމަށާއި އަދި އެކި ގޮތްގޮތުން ޕާޓީއަށް އެހީތެރިވެދެއްވާ އެފަދަ ބޭބޭފުޅުންވެސް އެބަތިއްބެވި ކަމަށެވެ. ޕާޓީ ހަރުދަނާކުރުމަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލެވިފައިވާއިރު، ޖުމްހޫރީ ޕާޓީ ކުރިމަގުގައި ބައްޓަންވެގެންދާނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަމަށެވެ. މިމަސައްކަތަށް ގޮންޖެހުންތަކެއްވެސް އަންނާނެ ކަމަށާއި، އެކަމަކު ޑިމޮކްރެޓިކް އަދި އެންމެނަށް ފުރުސަތު އޮތް ޕާޓީއަކަށް ޖޭޕީ ހަދާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކީ ނުވަތަ ކެންޑިޑޭޓުންނަކީ ކޮބައިތޯ ދެންނެވުމުން ރިޔާޒު ވިދާޅުވީ 2018ގައި ރައީސް ޔާމީން ހުންނަވައިގެން މިނިވަން އިންތިޚާބެއް އޮންނާނެތޯ ނުވަތަ ނޫންތޯ އެއީ ރައްޔިތުންގެ ބަހުސަކަށް ވެފައިވާ ކަމަށެވެ. ސަރުކާރުން ދަނީ ކިރިޔާވެސް ރިޔާސީ ރޭހަށް ނުކުމެދާނެހެން ހީވާ މީހާވެސް ޖަލަށްލައި، ނުވަތަ އެމީހެއްގެ މައްސަލަ ކޯޓަށް ވައްދައިގެން ޝަރީއަތް ހިންގަމުން ކަމަށާއި އެންމެ ރަގަޅު ވަގުތު އައިސް ޖެހުމުން ކެންޑިޑޭޓުން ނުކުންނާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިހާރު މަސައްކަތް ކުރަމުންދަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ގާއިމުކޮށް، ކޮންމެ ޕާޓީއަކުން ވެސް ކަނޑައަޅާ ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ކަމަށެވެ. ކެންޑިޑޭޓުން ކަނޑައަޅާނީ ޕާޓީތަކުގެ އެތެރޭގައިވެސް މަޝްވަރާކޮށްފައި ކަމަށާއި ރައީސް ޔާމީނާ ވާދަކުރުމަށް އެއް ކެންޑިޑޭޓަކު ނެރެންޖެހުނަސް އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ. އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ ރައީސް ޔާމީން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ