ރެއާލްގެ ކޯޗު ކަމުގައި ދެމި ހުރުމާ މެދު އެއްޗެކޭ ބުނާން އަދި އަވަސް:މޮރީނިއޯ

ރެއާލް މެޑްރިޑްގެ ކޯޗް ކަމުގައި ދެމި ހުރުމާ މެދު އެއްޗެކޭ ބުނަން އަދި އަވަސް ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ ބުނީ، މި ސީޒަނަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމުން އޭނާ ވަކިވާން އުޅޭ ވާހަކަތައް ތަފާތު މީޑިއާތަކުން ތަފާތު ގޮތްގޮތަށް ހަބަރު ފަތުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް ރެއާލްގެ ކޯޗް ކަމުގައި އަދި ދެމި ހުރުމާ މެދު އެއްޗެކޭ ބުނަން އަވަސް ކަމަށެވެ.
"ރެއާލްގެ ކޯޗް ކަމުގައި ދެމި ހުރުމާ މެދު އެއްޗެކޭ ބުނުން އަދި އަވަސް. އަހަރެން އެއްވެސް ގޮތެއް އަދި ނުނިންމަން. މީޑިއާ ތަކުގައި އެދައްކާ ވާހަކަތައް ދޮގުކުރަން." މޮރީނިއޯ ބުންޏެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް ޖެހިޖެހިގެން ތިން ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީން ކެޓުމުން، ބައެއް މީޑިއާ ތަކުގައި އޭނާ އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޮރީނިއޯ ބުނީ ލީގުގައި ރެއާލްއަށް އަދި ވެސް މުހިންމު މެޗުތަކެއް އެބަހުރި ކަމަށާއި އެހެން ކަމުން އަދިވެސް ރެއާލްއަށް ކާމިޔާބު ހޯދައި ދިނުމުގައި ސާބިތުވެ ހުރުމަކީ އަދިވެސް އޭނާގެ އުންމީދެއް ކަމަށެވެ.
"އަހެރެން އަދި މިހިރީ ރެއާލްއާ އެކު އެޓީމަށް ކާމިޔާބު ހޯދައިދޭން. ލީގުގައި ވެސް ރެއާލްއަށް އަދި މުހިންމު ފަސް މެޗު އެބަ އޮތް. އަދި ސްޕެނިޝް ކަޕްގެ ފައިނަލް ވެސް އެބަ އޮތް. އެ މެޗުތަކަށް ފަހު އަހަރެން ރެއާލްގެ ކޯޗް ކަމުގައި ހުރުމާމެދު ގޮތެއް ނިންމާނަން" މޮރީނިއޯ ބުންޏެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލްގެ ކޯޗް ކަމުން މޮރީނިއޯ ވަކިވާން ނިންމައިފައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރެއާލް ކެޓި މެޗަށް ފަހުއެވެ.
މި ސީޒަނަށްފަހު ރެއާލްގެ ކޯޗްކަމުން މޮރީނިއޯ ދުރަށް ދިއުމުގެ ވިސްނުމެއް ގެންގުޅެމުން ދާކަމަށް ބުނެ މީޑިއާގައި ފެތުރިފައިވާ ހަބަރުތަކަށް ރައްދު ދެމުން މީގެ ހަފްތާއެއް ކުރުން މޮރީނިއޯ ބުނެފައި ވަނީ، ކޯޗިން ކެރިއަރަކީ އޭނަގެ ހަޔާތުގައި ކުރެވުނު ޒިންމާދާރު މަސައްކަތަކަށް ވީއިރު، ކޯޗިން ކެރިއަރުގައި އަދިވެސް ހުރުމަކީ އޭނާއަށް ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލަން ބޭނުން ނުވާކަމަށާއި އެހެންކަމުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވެއްޖެ ނަމަ، ދެން ފެނުން އެންމެ ގާތީ ޗެލްސީން ކަމަށް މޮރީނިއޯ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ