އިހުޒަމާނުންސުރެއް ދިވެހި އަންހެނުންނަކީ މަސައްކަތްތެރި ހީވާގި ގެވެހި ބައެކެވެ. ދިވެހީންގެ ހިތްހެޔޮ ކަމާއި އޯގާތެރިކަން ސިފަކޮށްދެނީވެސް ދިވެހި އަންހެން ކަނބަލުންގެ މޫނުމަތީން ފެންނަ ރީތި ހިނިތުންވުމުންކަން ގައިމެވެ. ތަރައްޤީގެ އެންމެ އުސް ހަރުފަތާއި ހަމަޔަށް ދާން އަތުގުޅާލައިގެން ތިބި މި ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފެންނަމުން މިދަނީ މީގެ ކުރީން ތާރީޚު ނުދެކޭ ފަދަ އަންހެން ކަނބަލެކެވެ. ޝައްކެއްވެސް ނެތްގޮތުގައި މެޑަމް ފާތިމަތު އިބްރާހީމް އެވެ. ރާއްޖޭގެ އިހުގެ ތާރީޚުން ހާމަވާ ގޮތުގައި ކުރީގެ ރާއްޖޭގައި ރަސްކަމުގެ ބޭނުމުގައި އަމިއްލަފުޅު ފިރިކަލުން ގަތުލުކޮށް ބައެއް އަންހެން ކަނބަލުން ތަހުތަށް ވެރިވެގަނެފައި އެބަހުއްޓެވެ. އެވާހަކަ މިހާރު މާޒީއާއެކު ގޮސް ފަސްލެވި ނިމިއްޖެއެވެ. މިއަދު ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. އާދެ، "ރަސްރަނި" ކަމެއްގެ ވެރިކަމެކެވެ. ޤައުމު ތަރައްޤީ ކުރުމަށް ރައީސް ޔާމީނާއެކު މެޑަމް ފާތުން ކުރައްވާ ބުރަ މަސައްކަތަކީ މީގެ ކުރީގެ އެއްވެސް ރައީސެއްގެ އަނބިކަބަލެއްގެ ފަރާތުން ފެނިފައި ނުވާފަދަ މަންޒަރެކެވެ.
ކަންމިހެން ހުރުމުން ދިވެހި އަންހެން ކަނބަލުންނަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. ލިބިފައިވާ ހުނަރަކާއި، ތަޢުލީމީ ޤާބިލުކަމެއްގެ ބޭނުން ހިފައި ޤައުމީ ވާޖިބު އަދާކޮށްދޭން ނިކުތުމަށް ދިވެހި އަންހެނުންނަށް ހަނދާން ކޮށްދިނީ މެޑަމް ފާތުންނެވެ. އެކަމަނާ ދައްކަވާ ލާމަސީލު ނަމޫނާއިން ނެވެ.ކުރިން ހީވެފައި އޮތީ ޤައުމެއްގެ ފަސްޓް ލޭޑީއަކީ ރައީސުލްޖުމްހޫރިއްޔާގެ އިވެންޓުތައް ފަޅުވިލުވައިދޭން އިންނަ ބޭކަނބަލެއް ގޮތުގައެވެ. އެކުގައި ދަތުރުތައް ކޮށްލާ ރައްޔިތުންނާ ސަލާން ގަލާން ކޮށްލާ ހިސާބުން އަދި ފަސްޓް ލޭޑީއެއްގެ ދައުރު ނުނިމޭކަން މެޑަމް ފާތުން މިދަނީ ސާބިތު ކޮށްދެމުންނެވެ. ރައީސް ޔާމީންގެ ލަޝްކަރުން ބަޔެއް ގޮވައިގެން އެކަމަނާ ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. ފިރިކަލުންނާއި ރައްޔިތުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، ޤައުމުގެ ހާލަތު އަމިއްލަފުޅަށް ވަޒަން ކުރައްވާ މެޑަމް ފާތުން ކުރައްވާ މަސައްކަތްޕުޅުން އެކަމަނާގެ ހިތުގައި ޤައުމާއި މެދު އޮންނަ ލޯބި ހާމަވެއެވެ.
އަދި މިވަރުން ނިންމާލެވޭކަށް ނެތެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި އިސްރަށްވެހީންނަށް އެކަމަނާގެ ހިތުގައި ވަކިން ޚާއްސަ ދަރަޖެއް ދެއްވާފައި ވާކަމީ މިފަދަ އާއިލާތަކަށް ލިބިގެންދާ ބަޔާން ކުރަންދަތި އުފާވެރި ކަމެކެވެ. އެންމެ ގާތުން ރައްޔިތުންގެ ހާލު ބައްލަވާ އޯގާތެރި ކަމާއެކު ބުރަކަށީގައި ފިރުމާލަދެއްވި މިފަދަ އެހެން މަހާރެހެންދިއެއް މިފަހުގެ ތާރީޚެއްގައި ފެނިފައެއް ނެތެވެ. މުއްސަނދިކަމާއި ޝާނާއި ޝައުކަތުގެ މައްޗަށް ވިސްނާ ޝާހީ ހާންދާނުގައި ރަނިކަން ކުރުމުގެ ފުރުސަތު އެކަމަނާއަށްވެސް ލިބިފައިވެއެވެ. އެހެންނަމަވެސް މެޑަމް ފާތުން ޚިޔާރު ކުރެއްވީ ރައްޔިތުންނެވެ. ފިރިކަލުން ފަދައިން ރައްޔިތުންގެ ލޯބި ހޯދަން އެކަމަނާ ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. އެކަމަނާއަށް މަރުހަބާ ދެންނެވުމަށްޓަކައި ދިވެހި ރައްޔިތުން ތިބީ ތައްޔާރަށެވެ. ކޮންމެ އަތޮޅަކުން، ކޮންމެ ރަށަކުންވިޔަސް އެންމެ ރަނގަޅެވެ.
ރައީސް ޔާމީންގެ ޒަޢާމަތުގައި، ދިވެހިރާއްޖެ ދެކެމުންމިދާ ތަރައްޤީއާއި، ރައްޔިތުންގެ ކިބައިން ފެންނަމުންދާ އުފާވެރިކަން ހޯއްދަވައިދެއްވުމުގައި މެޑަމް ފާތިމަތް އިބްރާހިމް ކުރައްވާ އިޚުލާސްތެރި މަސައްކަތަށް ސާބަސް ދެނީ ދިވެހި އަންހެން ކަނބަލުންނެވެ. ފިރިންގެ މަސައްކަތުގައި އަންހެނުންގެ ރޯލު ނުހަނު މުހިންމުކަން ދައްކައިދިނީވެސް މެޑަމް ފާތުންއެވެ. ހީވާގި ކަނބަލުންގެ ނަމުން އަންހެނުންނާ މުހާތަބު ކުރައްވާ ނަމޫނާ ފަސްޓް ލޭޑީ އަކީ މިއަދު ދިވެހި ޤައުމަށް ލިބިފައި ހުރި ޖަވާހިރެކެވެ.
ފާހަގަކޮށްލާން ޖެހޭ ދެތިން ކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީތޯއެވެ! މިފަހުގެ ތާރީހެއްގައި އިސްލާމީ ހެދުމެއްގައި ބުރުގާ އަޅުއްވައިގެން ހުންނަވާތަން ފެނުނު ހަމައެކަނި ފަސްޓް ލޭޑީއަކީ މެޑަމް ފާތިމަތު އިބްރާހިމްއެވެ. ޚާއްސަކޮށް ދީނީ ދަރުސްތަކަށް ވަޑައިގަތުމާއި، ދީނީ ކަންތައްތަކަށް އެކަމަނާގެ ހިތުގައި އޮންނަ ލޯބި ފެނިގެން ދިޔުމަކީ އެކަމަނާއަށް އޮތް އިތުބާރު ބޮޑު ވެގެންދާ ސަބަބެކެވެ. މިކަމުންވެސް އެކަމަނާ ދައްކަވަނީ ނަމޫނާއެވެ.ކަންމިހެން ހުރިއިރު އަންހެނުންނަށް ކުރެވޭނެ ކަންކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް މިއަދަކު ނެތެވެ. އާއިލާއެއް ބަލަހައްޓާ ދަރީން ތަރުބިއްޔަތު ކުރުމުގެ އިތުރުން ސިޔާސީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ ރޮގުންވެސް ޤައުމު ކުރިއެރުވުމަށްޓަކައި ފިސާރި އަންހެން ކަނބަލުންނަށް ފުރުޞަތު އެބައޮތެވެ. މެޑަމް ފާތުންނާއި އެކު އެ މަގުން ހިނގާ ދިވެހި ކޮންމެ އަންހެން ކަނބަލަކަށް ފެންނާނީ އިތުރަށް ކުރިޔަށް ދާންވީ މަގެވެ. މެޑަމް ފާތުން އެ ދައްކަވާ ނަމޫނާ އާއި އެ ކުރައްވާ މަސައްކަތްޕުޅު ދިވެހި ތާރީޚުގައި ރަންއަކުރުން އެކަމަނާގެ ނަންފުޅު ފެވޭނެކަން ކަށަވަރެވެ.
2018 ގެ ކެމްޕެއިނަށް މެޑަމް ފާތުން އެކި ރަށްރަށަށް ޒިޔާރަތް ކުރައްވަމުން ދާއިރު ދިވެހި ރައްޔިތުން ވިސްނާލަންވީ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ދެއްވާ ވޯޓަކީ، އަނެއްކާވެސް އެއް ވޯޓުން ޤާބިލު ދެބޭފުޅުން ލިބިގެންދާނެ ވޯޓެކެވެ. ޤައުމު ދެކޭ ތަރައްޤީގައި އަންހެން ކަނބަލެއްގެ ބޭނުން އިންތިހާއަށް މުހިންމެވެ.
2018 ގައި ރައީސް ޔާމީނަށް ދެއްވާ ވޯޓަކީ މެޑަމް ފާތުންނަށްވެސް ދެއްވޭ ވޯޓެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ