މައުމޫން ހަމީދުގެ ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވައިފި

ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ހެންވޭރު މީނާޒް އަލްއުސްތާޛް މައުމޫން ހަމީދުގެ ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވައިފިއެވެ.
 
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނަންފުޅު މަޖިލީހުގެ ތަޅުމުގައި އިއުލާންކުރެއްވުމަށްފަހު، ދިރާސާކުރުމަށް ފޮނުއްވާފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށެވެ.
 
މައުމޫން ހަމީދު ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެއްވުމާއި މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނީ ކޮމިޓީން އެނަންފުޅު ދިރާސާކޮށް ނިންމެވުމުންނެވެ.
 
ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމް ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި ހެންވޭރު ޑޯން ޝައިން އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
 
 
އެމަނިކުފާނު އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެމަޤާމަށް މީހަކު އައްޔަންކުރެއްވުމަށްޓަކައި އާއްމުކޮށް އިއުލާންކުރުމުން އެކަމަށް ހަ ބޭފުޅަކު ވަނީ ނަން ހުށަހަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ