ފަންނުވެރިން އެފަންނުގައި އިޚްލާސްތެރި ޚިދުމަތެއް ކުރަންޖެހޭ: އަހުމަދު ސުލައިމާން
ފަނޑިޔާރަކު އިޚްލާސްތެރި ނުވެއްޖެނަމަ މިޤައުމާއި ރައްޔިތުން ބަރުދާސްތު ކުރަންޖެހޭނެ ހިތްދަތިކަމާއި ވޭން ބުނެދޭންވެސް ނޭނގޭ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވެއްޖެއެވެ. މުލަކު އަތޮޅުގެ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ފާންތަރި އެވޯޑް ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ ފަންނުވެރިން އެފަންނުގައި އިޚްލާސްތެރި ޚިދުމަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކިޔަވާ ވިދާޅުވެގެން ރާއްޖޭގެ ޝަރުއީ ނިޒާމާއި ގުޅިވަޑައިގަންނަވާ ފަނޑިޔާރަކު އެބޭފުޅެއްގެ އަމަލުގައި އިޚްލާސްތެރި ނުވެއްޖެނަމަ މިޤައުމާއި ރައްޔިތުން ބަރުދާސްތު ކުރަންޖެހޭނެ ހިތްދަތިކަމާއި ވޭން ބުނެދޭންވެސް ނޭނގޭކަމަށް ވިދާޅުވިއެވެ. އަދި އެމްބީބީއެސް ހައްދަވައިގެން ހުންނަވާ ޑޮކްޓަރު، ޚިދުމަތުގައި އިޚްލާސްތެރި ނުވެއްޖެނަމަ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާއިރު ތަމްރީންވެގެން ރާއްޖޭގެ ދިފާއީ ބާރާއި ގުޅިވަޑައިގަންނަވާ ޚިދުމަތްތެރިއަކު އޭނާގެ ޚިދުމަތުގައި އިޚްލާސްތެރި ނުވެއްޖެނަމަ ޤައުމުގެ އަމަން އަމާންކަމަށް ވާނެ ގެއްލުން އިހްސާސްކުރަން ނޭނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މީ މިއަދު ކޮންމެ ދިވެހި ދަރިއަކު ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި އެކަމަކަށްޓަކައި ސަމާލްވާންޖެހޭ ކަމެއްކަން އަހުމަދު ސުލައިމާން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުންވެސް އަހުމަދު ސުލައިމާން ވިދާޅުވީ މިގައުމުގެ ހާލުގެ ދުލުން ގޮވާ އެތައް ކަމެއް އެބަހުރި ކަމަށާއި ޤައުމު މިއަދު ބޭނުންވަނީ ކޮން ކަމަކަށްތޯ އެންމެންވެސް ވިސްނަން ޖެހޭކަމަށެވެ. އަދި ތަޢުލީމާއި ތަމްރީން ލިބޭއިރު އޭގައި ރިވެތި އަޚްލާގު ނެތްނަމަ ޤައުމު ނެގެހެއްޓުމަކީ އުނދަގޫ ކަމަކަށްވާއިރު ރަށުގެ އަމާންކަން ނުބެލެހެއްޓޭނެ ކަމަށާއި އަތޮޅުގެ ނަން ނުދިރުވޭނެކަމަށްވެސް ސުލައިމާން ވިދާޅުވިއެވެ. އަދި ދިމާވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ނަމަވެސް ޤައުމީ ޚިދުމަތުގައި އަތޮޅާއި ރަށަށްޓަކައި މަސައްކަތްކޮށް އެވަރުގެ އިޚްލާސްތެރިކަމެއް ދެއްކޭނީ ރިވެތި އަޚްލާގެއް ހުރެގެން ކަމަށް އަހުމަދު ސުލައިމާން ވިދާޅުވިއެވެ. އަދި މި ވިސްނުމުގައި ޚިދުމަތަށް ނުކުމެ، އެގޮތުގައި ފައިތިލަ ސާބިތުކުރަން ޖެހިފައިވާކަމަށްވެސް އޭނާވިދާޅުވިއެވެ. ފާންތަރި އެވޯޑަކީ މުލަކަތޮޅަށް ރަންވަނަތަކާއި ފުރިހަމަ ކާމީޔާބީ ހޯދާދޭ ފަރާތްތަކާއި އަދި ޚިދުމަތްތެރި ދަރިންގެ އަގުވަޒަންކޮށް ހިތްވަރުދީ އަންނަން އޮތް ޖީލުތަކާއި ހަމައަށް އެކަންތައްތައް ގެނެސްދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. 2015 ވަނަ އަހަރު އެ އެއަތޮޅުގައި ތަޢާރަފްކުރި ފާންތަރި އެވޯޑް މިއަހަރު ދީފައިވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އެއްކޮށްލައިގެންކަން ފާހަގަ ކޮށްލެވެއެވެ. މިހަފްލާގައި 25 ދާއިރާއަކުން 19 އެވޯޑާއި 35 ޝީލްޑް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ