ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ފިއެވެ.
އުމަރު މިކަން އިއުލާންކުރެއްވީ "ވައިބާ" މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
"މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން މިއަދު ވަކިވެއްޖެ ވާހަކަ ދެންނެވީމެވެ" އުމަރު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
އުމަރު ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ނިކުންނަން ނިންމެވީ އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެއެވެ. އުމަރު މިހާރު އަންނަނީ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޖުމްހޫރީ ޕާޓީއާއި އުމަރު ގުޅިވަޑައިގަތީވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އޭރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމަށް ވާދަނުކުރެވޭ ހާލަތެއްގައި އެ ޕާޓީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ވަގުތު ޖެހުމުން އެ ކެންޑިޑޭޓް ދައްކާނެ ކަމަށެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ