11 އަހަރުގެ ކުއްޖަކާއި ބަދު އަހުލާގީ އަމަލު ހިންގި މުދިމު ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފި

އެކިފަހަރުމަތިން 11 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ދަށުކޯޓަށް ދިއުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނަކަމަށް ނިންމައި ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރުމާގުޅީގެން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މިއަދު އެ ކޯޓުން އަމުރުކޮށްފިއެވެ.
ދަށު ކޯޓުން ބަންދުން ދޫކޮށްލާފައި ވަނިކޮށް ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ އެކިފަހަރު މަތިން ކުޑަކުއްޖަކާ ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ގއ. ކަނޑުހުޅުދޫއިން ނިމިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި 55 އަހަރުގެ މީހާއެވެ.
މި މައްސަލައާ ގުޅިގެން ފެބްރުއަރީ 21 ވަނަ ދުވަހުގެ 18:10 ހާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފެބްރުއަރީ 22 ވަނަ ދުވަހުގެ 10:55 ހާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 3 ދުވަހުގެ މުއްދަތެއް ދިނެވެ.
ފުލުހުން ބުނީ މިމީހާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރުމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ 3 ދުވަހުގެ މުއްދަތު ހަމަވާތީއާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކި ނައްތާލަފާނެތީއާއި ހެކިބަސްދޭން ތިބިމީހުންނަށް ނުފޫޒު ފޯރުވާފާނެތީ އާއި އޭނާގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފެބްރުއަރީ 25 ވަނަ ދުވަހު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ފަނޑިޔާރަށް ނުފެންނަކަމަށް ބަޔާންކޮށް ފެބްރުއަރީ 25 ވަނަ ދުވަހުގެ 10:30 އިން ފެށިގެން އޭނާ ބަންދުން ދޫކޮށްލުމަށް އެކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ މުޖުތަމަޢުތެރެއަށް ދޫވެފައި ހުރުމުން މައްސަލައިގެ ހެކި ނައްތާލަފާނެތީއާއި ހެކިބަސްދޭން ތިބިމީހުންނަށް ނުފޫޒު ފޯރުވާފާނެތީ އާއި އޭނާގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން މާޗް ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކުރި ކަމަށް ފުލުހުން ބުެނެ އެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ކޮށްފައިވާ ޙުކުމްގައި ވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލްކޮށް މިއަދު 14:45 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އެކިފަހަރުމަތިން 11 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގި ކަމަށް ތުޙުމަތު ކުރެވޭ މީހާ މިހާރުވަނީ ހައްޔަރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ