ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވާނީ ނިކަން ކެރިވަޑައިގެން ކަމަށާއި އެމަނިކުފާނަކީ އެއްވެސް ފަރާތަކާއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްއާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ރޭ ބައްދަލުކުރެއްވީ ގާސިމްގެ މަސްލަހަތު ހުރި ބައެއް ކަންމުގައި ސަރުކާރާއެކު "ޑީލް" ހެއްދެވުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރިމަތިކުރަމުންދާ ފާޑުކިޔުންތަކަށް ޖަވާބު ދެއްްވަމުންނެވެ.
މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ގާސިމާއި އުއްޗު ރޭ ބައްދަލުކުރެއްވީ އެ ދެ ބޭފުޅުންގެ މެދުގައި އޮންނަ ޒަމާންވީ ރަހްމަތްތެރިކަމުގެ ތެރެއިން ކަމަށެވެ. އަދި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި ދެއްކެވީ ދެ ބޭފުޅުންގެ ވިޔާފަރީގެ ވާހަކަތައް ކަމުގައިވެސް ވިދާޅުވި އެވެ. ރޭގެ ބައްދަލުވުމަށް އަދީބް ވަޑައިގެންނެވީ އޭގެ އިރުކޮޅެއް ފަހުން ކަމަށާއި އަދީބް އެބައްދަލުވުމަށް ވަޑައިގަތުމަށް ގާސިމް ދެކޮޅު ހައްދަވާފައި ނުވާ ކަމަށެވެ.
އަމީން ވިދާޅުވީ ގާސިމާއި އުއްޗުއާ ދެ ބޭފުޅުންގެ މެދުގައި ކުރިއަށްދިޔަ ބައްދަލުވުމަށް އަދީބް ވަޑައިގަތުމާއި ގުޅިގެން ގާސިމް ފުރަތަމަ ވެސް އެދިވަޑައިގެންނެވީ ފުލުހުންގެ ބަންދުގައި ބައިތިއްބާފައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިނިވަން ކުރެއްވުމަށް ކަމަށެވެ. އަދި އެއަށްފަހު ވެރިކަމަށް ކުރިމަތިލެއްވޭނެ އެންމެ ދޮށީ އުމުރު ކަނޑައަޅަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އަބުރާ ގެންދިއުމަށް ނިންމަވާފައިވާ ކަމުގައި އަދީބް ވިދާޅުވި ކަމަށް އަމީން ވިދާޅުވި އެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރެއް ކަމެއްގައިވާ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެެ.
"65 އަހަރުގެ މައްސަލައިގައި އެއީ އެއްވެސް ހާލެއްގައި ގާސިމް އިބްރާހިމް އެދިވަޑައިގެން ކުރެއްވި ކަމެއް ނޫން އެބިލް އަބުރާ ނެންގެވުމަކީ. އަޅުގަނޑުމެންނަށްވެސް މައުލޫމާތު ލިބިފައި އޮތީ މީގެ ދެ ދުވަހެއް ކުރިން އެބިލް އަބުރާ ނެގުމަށްޓަކައި އެބޭފުޅުން މަސައްކަތް ކުރައްވާފައި އަދި އެކަން ހުށަހަޅުއްވާފައިވާ ކަމަށް. އެހެންނަމަވެސް ކަންދިމާކުރި ގޮތުން ރޭގެ ބައްދަލުވުމަށްފަހު ވަރަށް އަވަސްއަރުވާލާފައި އެއަޑު މިއަދު ފެތުރިގެން ހިނގައްޖެ. ފަތުރައިފި ބަޔަކު. ތިބޭފުޅުންގެ ތެރެއިން ބަޔަކު އެއަށް ރިޕޯޓްތައް ގޮތްގޮތަށް އަބުރުއްވައިފި. އަޅުގަނޑުމެންނަށް ވެސް އެކަން އިނގޭ. އެހެންނަމަވެސް ހަގީގަތަކީ ސަރުކާރުގެ ފަރާތުން ނޫނިއްޔާ އޮނަރަބަލް މިނިސްޓަރު ގާސިމް އިބްރާހިމް އަރިހުގައި ވިދާޅުވި ކަމަށް މިވަނީ ތިމަންނަ މެންނަށް އެ ބިލް ނެގިދާނެއޭ. އެހެންނަމަވެސް ގާސިމް އެއަށް ޖަވާބު ދެއްވާފައިވަނީ އެއީ ތިމަން އެހާ ކަންބޮޑުވާ މައްސަަލައެއް ނޫނޭ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ގާސިމަށް ވެރިކަމަށް ކުރިމަތިނުލެއްވޭ ގޮތް ހަދައިފިނަމަ ޖުމްހޫރީ ޕާޓީން ބޭފުޅަކު ނެރޭނެ ކަމުގެ ވާހަކައާއި އެމަނިކުފާނު ދައްކަވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަަލަތަކުގެ ވާހަކަ ކަމަށާއި އަދި އިސްލާހީ ހަރަކާތަށް ނިކުމެވަޑައިގެން ހުންނެވީ އެ ބޭނުމުގައި ކަަމަށް މިނިސްޓަރު އަދީބަށް ގާސިމް ދެންނެވި ކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލެއްވޭނެ އެންމެ ދޮށީ އުމުރު ކަނޑައަޅަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އަބުރާ ގެންދިއުމަކީ މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު އަދީބަށް ގާސިމް ދެންނެވި ކަމުގައިވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރޭގެ ބައްދަލުވުމުގެ ވާހަކަތަކުގެ އަޑުއަރައިގެން ދިޔަ ގޮތުން އެތައް ބަޔަކު ކަންބޮޑުވެ ސުވާލު އުފެއްދި ކަމަށެވެ. އަމީން ވިދާޅުވީ ގާސިމް އިބްރާހިމަކީ އެއްވެސް ހާލެއްގައި އެއްވެސް އިރެއްގައި އެއްވެސް ބަޔަކާއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާ ޑީލް ހެއްދެވުމަކީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަަމަށެވެ.
"އެމަނިކުފާނު ކުރައްވާ މަސައްކަތެއް ވަރަށް ސާބިތުކަމާއެކުގައި ވަރަށް އިހްލާސްތެރިކަމާއެކުގައި ގައުމަށް ކޮށްދެއްވާނީ. ކޮށްދެއްވަމުން ގެންދަވަނީވެސް. އެހެންވީމާ ރާއްޖެއަކުއެއް ދިވެހިރާއްޖެއަކު އެއް އަދި ދުނިޔޭގެ އެހެން ހިސާބެއްގައިވެސް އެމަނިކުފާނަށް ޑީލެއް ހައްދަވާކަށް އެއްވެސް ބޭފުޅަކު ވަޑައިގަންނަވާނެ ކަމެެއް ނެތް ރައްޔިތުންގެ ހައްގުތައް ފުނޑުފުނޑުކޮށްލާކަށެއް. ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތަކަށް ކަމެއް ކުރާކަށެއް. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް އުނިކަން އަންނާނެ ކަމެއް ކުރާކަށެއް. އެމަނިކުފާނު އެފަދަ ޑީލެއް ނުހަދާނެ. އެފަދަ ގޮތަކަށް ވާހަކަފުޅެއްވެސް ނުދައްކަވާނެ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރޭގެ ބައްދަލުވުމާއި ގުޅިގެން އެމްޑީޕީއާއި ޖޭޕީގެ އެއްވެސް މެންބަރަކު އަދި އިސްލާހަށް މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކުވެސް ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި އެ ދެ ޕާޓީގެ އިސް ބޭފުޅުންގެ ތެރޭގައި މައްސަލައެއް ނެތް ކަން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ބައިވެރިވުމުން އިނގޭ ކަމަށެެވެ.
އަމީން ވިދާޅުވީ އެބޭފުޅުން ތިއްބެވީ ބަދަހި ގުޅުމަކުން ގުޅިފައި ކަމަށާއި އެބޭފުޅުން ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން އިހްލާސްތެރިކަމާއެކު ކުރެވޭ މަސައްކަތެއް ކަމަށާއި އެކަމުގައި ފަަހަތަށް ޖެހުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ބައެއް ހަރަކާތްތަކުގައި ޖޭޕީގެ މެންބަރުން އިތުރަށް ފެނި ނުވަތަ އެހެން ބައެއް ހަރަކާތްތަކުގައި އެމްޑީޕީގެ މެންބަރުންގެ ބައިވެރިވުން ވެސް ތަންކޮޅެއް ބޮޑުކޮށް ފެނިގެންދާނެ ކަަމުގައިވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހިމް ރޭ ބައްދަލުކުރެއްވި ބޭފުޅުންނާ ބައްދަލުކުރެއްވީ އެމްޑީޕީއަށް އެންގުމަށްފަހު ކަމަށެެވެ. އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް މިވަގުތު ވާނީ ޖޭޕީއާ އެމްޑީޕީ "ފަނިކޮށްލުން" ކަން ހުރިހާ ފަރާތްތަކަކުންވެސް ދަންނަންޖެހޭނެ ކަމަށެވެ.
"ފިތުނަ ކުރުމުގެ މަސައްކަތް މިގަޑީގައި ގެންދާނެ. ހުދު އަޅުގަނޑުމެންގެ ޕާޓީ ތެރޭގައިވެސް އެކަން ބައެއް މީހުން ކުރައްވާފާނެ. އެކިއެކި ގޮތްގޮތަށް. ހަގީގަތުގައި މިދަނޑިވަޅަކީ އަޅުގަނޑުން ރުޅިއިސްކުރުމާއި ބައިބައިވުމަށް ޖާގަދިނުން އޮތް ކަމެއްކަމަށް ބަލައިގެން ދާންވީ ދަނޑިވަޅެއް ނޫން. އެބޭފުޅަކަށް ކުރެވުނު މަސައްކަތެއް އެބޭފުޅަކު މިދަނޑިވަޅުގައި ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވަންވީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ސިޔާސީ ގޮތުން ވާހަކަދައްކަންޖެހޭ ފަރާތްތަކާ ވާހަކަ ދައްކާނެ ކަން ހުރިހާ ފަރާތްތަކަކުންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާއާ ނުލާ ސިޔާސީ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ގާސިމް "ޑީލެއް" ނުހަދާނެ، އެފަދަ ކަމެއް ނުވެސް ކުރައްވާނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ