ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އަޅަން އަމީން އަށް

ހުޅުމާލޭގެ ނެއިބަހުޑް އެކެއްގައި 1700 ކުދިންގެ ޖާގައިގެ ސްކޫލެއް އަޅަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަމީން ކޮންސްޓްރަކްޝަން އަށް ދީފި އެވެ.
އެޗްޑީސީގެ މައި އޮފީހުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ނެއިބަހުޑް އެކެއްގައި އަލަށް އިމާރާތްކުރާ ސްކޫލަކީ ހުޅުމާލޭގެ އިތުރުވަމުން އަންނަ އާބާދީއަށް އެކަށީގެންވާ މިންވަރަށް ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަޅާ ސްކޫލެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލަށް ވާނެ ކަމަށެވެ.
ސައިމަން ވިދާޅުވީ ހުޅުމާލޭގެ އާބާދީ ބޮޑުތަނުން އިތުރުވަމުން އަންނައިރު މިއަހަރު އަލަށް މީހުން އުޅެން ފަށާ ފްލެޓްތަކާއެކު ހުޅުމާލޭގެ އާބާދީ އަށް އިތުރު 12،000 މީހުން ވަންނާނެ ކަމަށެވެ.
"އާބާދީ އިތުރުވަމުން އަންނަ އިރު ސަޕޯޓް ފެސިލިޓީގެ ގޮތުގައި ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެގޮތުން އެޑިއުކޭޝަން ދާއިރާ އާއި ހައުސިންގެ ދާއިރާ އާއި މިފަދަ އެތަކެއް ދާއިރާތަކުން ސަޕޯޓް ފެސިލިޓީސްތައް އިތުރު ކުރަން ޖެހިފައި މި އޮތީ. މި ސްކޫލް އަޅަން މި ފަށައިގަނެވެނީ ވެސް ސްކޫލަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި،" ސައިމަން ވިދާޅުވި އެވެ.
އާ ސްކޫލްުގެ މަސައްކަތް 132 މިލިއަން ރުފިޔާއަށް އަމީން ކޮސްޓްރަކްޝަނާ ހަވާލު ކުރި އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ މުހައްމަދު ވިދާޅުވީ މި މިއަދުން ފެށިގެން 14 މަސް ދުވަހުގެ ތެރޭގައި ސްކޫލް ނިންމާނެ ކަމަށާއި އެއީ ވަރަށް ފުރިހަމަ ސްކޫލަކަށްވާނެ ކަމަށެވެ.
މިއީ ނެއިބްހުޑް އެކެއްގައި އަޅާ އެންމެ ފަހުގެ ސްކޫލެވެ. ހަތް ބުރިއަށް ނަގާ އެ ސްކޫލުގައި ރާއްޖޭގެ އެހެން ސްކޫލްތަކާ ހިލާފަށް ހަ ވަނަ ބުރިއާ ހަމައަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރޭމްޕް ބަހައްޓަން ވަނީ ނިންމާފަ އެވެ. އަދި ލިފްޓު ހަރުކޮށް، ކޮންމެ ފްލޯ އެއްގައި އައުޓް ޑޯ އޭރިއާއެއް ހެދުމުގެ އިތުރަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުޅެން ފަސޭހަވާނެ ފަދަ ގޮތަށް ފަރުމާކޮށްފައިވާ ކްލާސްތަކެއްވެސް ހަދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ