ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ބައެއް ފަރާތްތައް ޕެންޝަން ސްކީމުގައި ބައިވެރި ނުވުމުގެ އިހުތިޔާރު ލިބިދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ގައުމުގެ އިގުތިސޯދު ފުނޑާލުމަށް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އެ ބިލް ހުށަހަޅާފައި ވަނީ ރާއްޖެ އަށް "އިގުތިސޯދީ ސުނާމީއެއް" ދިމާވެފައިވާ ހާލަތެއްގައި އުޅެނިކޮށް ކަމަށެވެ.
"އެހެންވީމަ އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ގޮވާލަން މި އިސްލާހަށް ތާއީދު ނުކުރުމަށް. މި އިސްލާހަކީ ވަކި ބަޔަކު ވަކި ބޭނުމެއް ހާސިލު ކުރުމަށްޓަކައި ގެނެސްފައިވާ އިސްލާހެއް ކަމަށާއި އަދި މި އިސްލާހުގެ ސަބަބުން އަޅުގަނޑުމެން ކަހަލަ ޒުވާން މެމްބަރުންނަށް ފައިދާތަކެއް ކޮށްފާނެ ވަގުތީ ގޮތުން. އެކަމަކު ވެސް މި މަޖިލީހުގައި ހިމެނޭ 60 އަހަރަށް ވުރެ މަތީގެ ނުވަތަ 62 އަހަރުން މަތީގެ މެމްބަރުންނަށް މި އިސްލާހުގެ ސަބަބުން އެއްވެސް ފައިދާއެއް އިތުރަކަށް ނުކުރާނެ. މި އިސްލާހު ބަލައިނުގެންފި ކަމަށްވާ ނަމަ އެ ބޭފުޅުންނަށް ފައިދާކުރުމުގެ ފުރުސަތު ބޮޑު،" މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނަގާނަމަ ކޮންމެ މުވައްޒަފަކު ވެސް ހަމަހަމަވާންޖެހޭނެ ކަމަށާއި އެ އުސޫލުން ހަތް ޕަސެންޓް ފައިސާ ޕެންޝަން ސްކީމަށް ދައްކަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަޖިލީހުގައި ތިބެގެން [ޕެންޝަން ސްކީމްގައި] ބައިވެރި ނުވަންޏާ ދެން ކޮން ބައެއްތޯ މި ކަމުގައި ބައިވެރިވާނީ؟ ބައިވެރިވާނެ އެއްވެސް ބަޔަކު ނެތް. ބޭރު މީހުން ބޭނުމެއް ނުވޭ މި ކަމުގައި ބައިވެރިވާކަށް. ބައެއް ކަހަލަ ދީނީ ފިކުރު ހުރި މީހުން ބޭނުމެއް ނުވޭ ޕެންޝަން ސްކީމުގައި ބައިވެރިވާކަށް،" އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރަނީ ފަސް އަހަރު ކަމަށްވާއިރު ޕެންޝަން ސްކީމުގައި ބައިވެރިވުން އިންސާފު ނޫން ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ދައްކަވާ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނާޒިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ޕެންޝަން ސްކީމުގައި ބައިވެރި ނުވުމުގެ އިހުތިޔާރު ލިބޭ ކަމަށެވެ. މި ބިލާ އެއްކޮޅަށް އެމްޑީޕީ އާއި ޑީއާރުޕީގެ ގިނަ މެމްބަރުން ވެސް ތާއީދު ކުރައްވަ އެވެ.
މި މައްސަލައިގެ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ނިންމާލައިފަ އެވެ. އަދި އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ބިލް މަޖިލީހަށް ބަލައިގަނޭތޯ ބެލުމަށް ވޯޓު ނަގާނެ ކަމަށް ބެލެވެ އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ގައުމުގެ އިގުތިސޯދު ފުނޑާލުމަށް: އަބްދުﷲ އަބްދުއް ރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ